English Edition
Dhivehi Edition
ހިތަދޫ އީދިގަލި ގަނޑުގައި ޓާފް އެޅުމުގެ ތެރެއިން/ފޮޓޯ އައްޑޫސިޓީ ކައުންސިލް

އައްޑޫ ސިޓީ ހިތަދޫ އަވަށު އީދިގަލި ފުޓްބޯޅަދަނޑުގެ ފެންސް ސްޓްރަކްޗަރ ހަދައި ފެންސުގައި ދާ ޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާން ކޮށްފިއެވެ. މިމަސައްކަތަށް ދަޢުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށްކަމަށް އިޢުލާންގައި ވެއެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2021 އޮކްޓޯބަރު 14 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2021 އޮކްޓޯބަރު 21 ވާ ބުރާސްފަތި ދުވަހުގެ 12:00 އާއި ދެމެދު [email protected] މި އެޑްރެހަށް މެއިލްކޮށްދެއްވުމަށް އައްޑޫސިޓީ ކައުންސިލުން އެދިފައިވެއެވެ. އެ މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2021 އޮކްޓޫބަރު 24 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެކަމަށްވެސް އެ އިދާރާއިން މަޢުލޫމާތު ދެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވެއެވެ.

މި މަސައްކަތުގެ ބިޑް ޑޮކިއުމަންޓް 2021 އޮކްޓޫބަރު 14 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2021 އޮކްޓޫބަރު 20 ވާ ބުދަ ދުވަހުގެ 14:00އާއި ހަމަޔަށް ގަންނަން ލިބެން ހުންނާނެއެވެ.

މަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް އަދި ބިޑް ފޯމް، މިކަމަށް ރެޖިސްޓްރީކުރާ ފަރާތްތަކަށް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލްކުރެވޭ މި ބީލަމުގައި ބައިވެރިވުމަށް -/300 ( ތިންސަތޭކަ ) ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހެއެވެ. ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެއިދާރާގެ މެއިލް [email protected] އަށް ރިކްއެސްޓްކޮށް ފައިސާ ޑިޕޮޒިޓްކުރުމަށްފަހު، ފައިސާ ޖަމާކުރިކަމުގެ ސްލިޕް މެއިލްކޮށް ދެއްވުމަށް ކައުންސިލުން އެދިވަޑައިގަންނަވައެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2021 އޮކްޓޫބަރު 28 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި ކައުންސިލްގެ އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަންނަނެ ކަމަށް ކައުންސިލުން ވިދާޅުވެއެވެ. މި މަސައްކަތަށް އެދި ހުށަހަޅާ ބީލަންތައް ސިޓީއުރައެއްގައި ބަންދުކުރެވި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިއުމަށް އެއިދާރާއިން އެދިފައިވެއެވެ.

 

އައްޑޫސިޓީ ހިތަދޫ އީދިގަލި ދަނޑަކީ އައްޑޫސިޓީގައި ޓާފް އަޅައިގެން ހަދާފައިވާ 3 ދަނޑުގެ ތެރެއިން ދަނޑެކެވެ. ފެންސްގައި ދާޖެހުމުގެ މަސައްކަތަށް މިހުޅުވާލީ ދަނޑުގައި ކުޅޭއިރު ބޯޅައިން ޖެހި ކައިރީގައި ހުރި ބައެއްގޭގެއަށާއި މީހުންނަށް ގެންލުންވަމުންދާ ކަމުގެ ޝަކުވާތައް އިތުރުވެ އެދާއިރާގެ ކައުންސިލް މެންބަރު އަޙްމަދު ސަޢީދު މިމައްސަލަ ބުދަދުވަހު ބޭއްވި ކައުންސިލްގެ ޖަލްސާއަށް ހުށަހަޅުއްވައި ކައުންސިލްގެ ސަމާލުކަމަށް ގެނައުމުންނެވެ.