English Edition
Dhivehi Edition

ސާފް ޗެންޕިއަން ޝިޕްގައި ރާއްޖޭގެ ޤައުމީ ޓީމު ދެއްކި ހިތްވަރު ގަދަ ކުޅުމާމެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށާއި ފައިނަލުން ޖާގަ ނުލިބުނަސް ޓީމަށް ތައުރީފު ހައްގު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭގެ މެޗަށްފަހު ރައީސް ކުރެއްވެވި ޓުވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ދިވެހި ޓީމުން އިތުރު ކުރިއެރުން ތަކެއް ހޯދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް އެބައޮތް ކަމަށެވެ.

މި އަހަރުގެ މުބާރާތް ރާއްޖޭގައި އޮތުމުން ތަށި ދިފާއުކުރުން ވެފައި އޮތީ ރާއްޖޭގެ އެންމެ ބޮޑު އަމާޒު ކަމުގައެވެ. އެހެންނަމަވެސް ފައިނަލަށް ދިއުމަށްޓަކައި ކުޅުނު ފަހު މެޗުން އިންޑިއާ އަތުން ބަލިވެ ރާއްޖެއަށްވަނީ މުބާރާތުގެ ފައިނަލުން ޖާގަ ނުލިިބި ކަޓާފައެވެ.

 

ރާއްޖެއިން މުބާރާތާ އަލްވަދާއު ކިޔަން ޖެހުނީ އިންޑިއާއާ ބައްދަލުކުރި މެޗުގައި 3-1 ގެ ނަތީޖާ އަކުން ބަލި ވުމުންނެވެ. މުބާރާތުގެ ފައިނަލުގައި ވާދަ ކުރާނީ ނޭޕާލާއި އިންޑިއާއެވެ. މި މެޗު އޮންނާނީ މިއަންނަ ހޮނިހިރު ދުވަހުގެ ރޭ ނުވައެއް ޖަހާއިރު ގަލޮޅު ދަނޑުގައެވެ.

މުބާރާތުގައި ރާއްޖެ ކުޅުނު ހުރިހާ މެޗެއް ބެެއްލުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ދަނޑަށް ވަޑައިގެންނެވިއެވެ.

ރޭގެ މެޗް ބައްލަވާލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ބައެއް ވަޒީރުންނާއި ސަރުކާރުގެ އެކި އިދާރާތަކުގެ ބައެއް ވެރިން ވެސް ދަނޑަށް ވަޑައިގެންނެވިއެވެ. މީގެ އިތުރުން ގިނަ ޢަދަދެއްގެ ދިވެހި ރައްޔިތުން ރާއްޖޭ ޤައުމީ ފުޓްބޯޅަޓީމަށް ސަޕޯޓް ކުރެއްވުމަށް ގަލޮޅު ދަނޑުގައި ތިއްބެވިއެވެ