English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ ރައްޔިތުންގެ އެދުމަކީ އެސްޓިއޯ އިމާރާތުގައި ދެ އަވަށަށް ‘ކޮމަން’ ހިދުމަތެއް ދިނުންކަމަށާއި އެ ނޫން އެހެން ގޮތަކަށް އެކަން ނުގެންދަވާނެކަމުގެ ޔަގީންކަން އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ދެއްވާފައިވާކަމަށް އައްޑޫ ސިޓީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ހުޅުމީދޫ އެސްޓިއޯ އިމާރާތަށް ހުޅުދޫ ކޯޓު ބަދަލުކުރަން އުޅޭކަމުގެ އަޑުތައް ފަތުރުމާއި ގުޅިގެން މީދޫ ރައްޔިތުންވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ، މި ގޮތުން ދެ އަވަށުގެ މެދަށްވާ ގޮތަށް ހުރި ހަތަރު ބުރީގެ މި އިމާރާތުގައި ދެވޭ ކޮންމެ ހިދުމަތަކީވެސް ދެ އަވަށަށް ހަމަހަމަ ހިދުމަތަކަށްވާންޖެހޭ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

މިކަމާއި ގުޅޭ ގޮތުން ރޮޒައިނާ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މީދޫގައި ހުންނަ އެސްޓިއޯ އިމާރާތުގައި ހުޅުދޫ ކޯޓު އަޅަން އުޅޭ ކަމަށް ބުނެ މިކަމުގެ ކަންބޮޑުވުންތައް ރައްޔިތުންފާޅުކުރަމުންދާތީ މިކަން ބެލުމަށް އައްޑޫ ސިޓީގެ މޭޔަރާ ވާހަކަދައްކާފައިވާކަމަށެވެ. މި ގޮތުން މީދޫ ރައްޔިތުންގެ އެދުމަކީ އެސްޓިއޯ އިމާރާތުގައި ދެ އަވަށަށް ‘ކޮމަން’ ހިދުމަތެއް ދިނުންކަމަށާއި އެ ނޫން އެހެން ގޮތަކަށް އެކަން ނުގެންދަވާނެކަމުގެ ޔަގީންކަން އައްޑޫ ސިޓީ މޭޔަރު ދެއްވާފައިވާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ހުޅުދޫ ކޯޓުގެ ޖާގައިގެ ދަތިކަން ހުރުމާއެކު، އެ ކޯޓު އެސްޓިއޯ އިމާރަތަށް ބަދަލުކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ރޮޒައިނާ ވިދާޅުވީ މިކަމާއި ގުޅޭ ގޮތުން ޖޭއެސްސީ އިންވެސް މައުލޫމާތު ސާފުކޮށްފައިވާކަމަށާއި ޖޭއެސްސީ އިން މިފަދަ ނިންމުމެއް ނިންމާފައި ނުވާކަމަށެވެ.

މީގެކުރިން އެސްޓިއޯ އިމާރާތަށް ހުޅުދޫ އަވަށު އޮފީސް ބަދަލުކުރުމުގެ މަސައްކަތްތައްވެސްކޮށްފައިވާއިރު، އެ މަސައްކަތްވަނީ ވަކި ހިސާބަކުން ހުއްޓާލާފައެވެ. އަދި މިހާރު އެ އިމާރާތުގައި ދެމުން އަންނަ ހައި ކޯޓު ދެކުނު ގޮފީގެ ހިދުމަތްވެސް އައްޑޫ ސިޓީގެ އެހެން އަވަށަކަށް ބަދަލުކުރަން އުޅޭކަމުގެ ހަބަރުތަކެއް ވަނީ ފެތުރިފައެވެ.

 

ޓެގު