English Edition
Dhivehi Edition
މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް

ރައްޔިތުންގެ މަޖިލިހުގެ ރައީސް ނަޝީދަށް މެއި މަހުގެ ހަވަނަ ދުވަހު ދިން ނުރައްކާތެރި ޓެރެރިސްޓް ހަމަލާއަށްފަހު އެމަނިކުފާނު ރިޔާސަތު ބަލަހައްޓަވާ ފުރަތަމަ ޖަލްސާ ކުރިއަށް ގެންގޮސްފިއެވެ.

ރައީސް ނަޝީދަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަށްފަހު ފަރުވާ ހޯއްދެވުމަށް އިނގިރޭސިވިލާތުގައި ހުންނެވުމަށް ފަހު އިއްޔެ ރާއްޖެ ވަޑައިގެން މަޖިލީހަށް ވަޑައިގެން، ރިޔާސަތާ ހަވާލުވެވަޑައިގެން ވަނީ މެންބަރުން ކުރައްވަމުން އަންނަ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. ހަމައެހެންމެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ނައިބު ރައީސް އީވާ އަބްދުﷲ އާއި މަޖިލީހުގެ އަމީންއާމަށް ވެސް ނަޝީދު ޝުކުރު އަދާކުރެއްވިއެވެ.

މަޖިލީހުގެ ރިޔާސަތު ނުބެލެހެއްޓި 150 އަށް ވުރެ ގިނަ ދުވަސް ހޭދަކުރެވިއްޖެ ކަން ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއިން ދެން ކުރިއަށް އޮތް އެންމެ މުހިންމު މަސައްކަތަކީ ބަޖެޓުގެ މަސައްކަތް ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ބަޖެޓުގައި ލިބޭނެ ކަމަށް އަންދާޒާ ކުރެވުނު އަދަދުތަކާއި އާމްދަނީއާއި އަހަރުގެ މިހާތަނަށް އައިރު ލިބިފައިވާ އާމްދަނީއާ އަޅާ ބަލާއިރު ބައެއް ބާވަތުގެ އާމްދަނީ ވަރަށް ރަނގަޅަށް ލިބިފައިވާ ކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

މޭ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހު އެ މަހުގެ 13 ވަނަ ދުވަހު ރައީސް ނަޝީދު ވަނީ އިތުރު ފަރުވާއަށް ޖަރުމަނަށް ވަޑައިގެންފައެވެ. އަދި ޖުލައި މަހުގެ 21 ވަނަ ދުވަހު އިތުރު ފަރުވާއަށް ރައީސް ނަޝީދު ވަނީ އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ.

އިނގިރޭސި ވިލާތުގައި ހުންނަވައިގެން، މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ފެށި ދުވަހު ފޮނުވި ސިޓީގައި ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ދިން ހަމަލާ ރާވައި ހިންގި ފަރާތްތަކުގެ ތަހުގީގު އަދި ނުނިމި ކުރިއަށްދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވާކަމެވެ. އެ ތަހުގީގު ނިމި، އެކަން ރާވައި ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެނެވި، ބަންދުގައި ބޭތިއްބުމުގެ ކުރިން ރާއްޖެ ދިޔުމަކީ އެމަނިކުފާނުގެ އާއިލާއާއި، ހެޔޮއެދޭ އެތައް ބަޔަކާއި ޚުދު އެމަނިކުފާނުވެސް ޖެހިލުންވާ ކަމެއްކަމަށް ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު މިއަދު ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ނަމަވެސް އެމަނިކުފާނުގެ މިދަތުރުފުޅަކީ 3 ދުވަހުގެ ދަތުރުފުޅެކެވެ.