English Edition
Dhivehi Edition

ތަދޫ ކުޑަކުދިންގެ ޕާކްގެ އުތުރު ކޮޅުގައި ކުރިން ކެފޭ ހިންގި ޢިމާރާތުގެ އެތެރެއާއި ބޭރުގައި އެއްވެސް ފަރާތެއްގެ ތަކެއްޗެއް ވާނަމަ، އެތަކެތި އެ ތަނުން ގެންދިއުމަށް އައްޑޫ ސިޓީ ކައުންސިލުން އެދިވަޑައިގެންފިއެވެ،

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނުއެއްގައި ބުނީ އައްޑޫ ސިޓީ ހިތަދޫ ކުޑަކުދިންގެ ޕާކްގެ އުތުރު ކޮޅުގައި ކުރިން ކެފޭ ހިންގި ޢިމާރާތް އާންމު ފަރާތަކުން، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކުގައި ބަޔާންވެގެންވާ ފަދަ އެއްބަސްވުމެއް ނެތި ބޭނުންކުރަމުން އަންނަކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.

ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް 8 ވަނަ އިސްލާޙް ގެނައުމުގެ ޤާނޫނުގެ 2-56 ވަނަ މާއްދާގެ (ހ) ގައި ސިޓީ ކައުންސިލްގެ އިޙްތިޞާޞްގެ ތެރޭގައި ހިމެނޭ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދަލުގެ މިލްކުވެރިކަން ލިބިގެންވަނީ ކައުންސިލަށް ކަމަށް މި އިއުލާނުގައި ވަނީ ބަޔާންކޮށްފައެވެ.އެހެންކަމުން ހިތަދޫ ކުޑަކުދިންގެ ޕާކްގެ އުތުރު ކޮޅުގައި ކުރިން ކެފޭ ހިންގި ޢިމާރާތަކީ ކައުންސިލްގެ މިލްކެއްކަމަށްވެސް އިއުލާނުގައި ވަނީ ބުނެފައެވެ.

އެހެންކަމުން، ހިތަދޫ ކުޑަކުދިންގެ ޕާކްގެ އުތުރު ކޮޅުގައި ކުރިން ކެފޭ ހިންގި ޢިމާރާތުގެ އެތެރެއާއި ބޭރުގައި އެއްވެސް ފަރާތެއްގެ ތަކެއްޗެއް ވާނަމަ، އެ އިމާރާތަށް ގެއްލުން ނުވާނޭހެން 12 އޮކްޓޫބަރު 2021 ގެ ކުރިން އެތަކެއްޗެއް އެތަނުން ގެންދިއުމަށް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ. އަދި މި ތާރީޙުގެ ކުރިން އެ ޢިމާރާތުގެ އެތެރެ އާއި ބޭރުގައިވާ ތަކެތި ގެންގޮސްފައި ނުވާނަމަ އެތަކެތި އެތަނުން ނަގާނެކަމަށާއި އެހެންތަނަކަށް އެތަކެތި ގެންދިއުމުގައި ލިބޭގެއްލުމަކަށް ކައުންސިލުން ޒިންމާނުވާނެކަމަށްވެސް މި އިއުލާނުގައި ވަނީ ބުނެފައެވެ.