English Edition
Dhivehi Edition

އުރީދޫ އޮޕަރޭޓްކުރާ 10 ގައުމެއްގެ 117 މިލިއަން އަށްވުރެ ގިނަ ކަސްޓަމަރުންނަށް އަމާޒުކޮށް ދިވެހިރާއްޖޭގެ ރީތިކަން ޕްރޮމޯޓްކުރާ ޑެސްޓިނޭޝަން ކެމްޕެއިން ‘ވިޒިޓް މޯލްޑިވްސް ނައު’ ގެ ފުރަތަމަ މަހުގެ ނަސީބުވެރި ފަރާތް ހޮވައިފިއެވެ.

“ވިޒިޓް މޯލްޑިވްސް ނައު”ގެ ނަމުގައި ފެށި ޑިސްޓިނޭޝަން މާކެޓިން ކެމްޕެއިންގެ ބައެއްގެ ގޮތުގައި ރައްޖޭގެ ރީތިކަން ޕްރޮމޯޓް ކުރުމަށް ކުރިއަށް ގެންދާ މި ކެމްޕެއިނަކީ އުރީދޫ މޯލްޑިވްސް އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން އޯކާ މީޑިއާ ގުޅިގެން ހިންގި ކެމްޕެއިނެކެވެ.

އޯގަސްޓް 15 ވަނަ ދުވަހުން ފެށިގެން ފަސް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކެމްޕެއިނުގެ ފުރަތަމަ މަހުގެ ތީމަކީ ‘ސަގާފަތާއި އާދަކާދަ’އެވެ. ރާއްޖޭގެ ކެއިންބުއިންތަކާއި ދިވެހިންގެ އަތްތެރި މަސައްކަތްތަކާއި ސަގާފަތް ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ފޮނުވުމަށް ހުޅުވާލި މި ފުރުސަތުގައި ގިނަ ބަޔަކު ފޮޓޯ އާއި ވީޑިއޯ ފޮނުވާފައިވާއިރު މި ތީމްގެ ނަސީބުވެރި ފަރާތަކަށް ހޮވިފައިވަނީ އައްޑޫ ސިޓީ މީދޫ، ޒަހުވާ ޒަރީރުއެވެ.

އުރީދޫން ބުނީ، މި ކެމްޕެއިންގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ އިތުރުކުރުމާއި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުން ކަމަށެވެ. އަދި ކެމްޕެއިންގައި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ފޮޓޯ އާއި ވީޑިއޯ ހިއްސާކޮށްގެން ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އޮގަސްޓްމަހުގެ 15 ވަނަ ދުވަހުން ފެށިގެން ފަސް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކެމްޕެއިނުގައި ކޮންމެ މަހަކުވެސް ވަކި ތީމަކަށް ހާއްސަ އިނާމުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ކޮންމެ ފޮޓޯއަކާއި ވީޑިއޯއެއްވެސް ގުނާނީ ވަކިވަކިންނެވެ. ގިނަ ފޮޓޯ އަދި ވީޑިއޯ ފޮނުވާ ފަރާތަކަށް އިނާމު ލިބުމުގެ ފުރުސަތު އިތުރުވެގެންދާއިރު ފޮޓޯ އާއި ވީޑިއޯ އަޕްލޯޑް ކުރާއިރު #ވިޒިޓްމޯލްޑިވްސް ޖަހަން ޖެހޭނެއެވެ.

ލަކީޑްރޯއިން ހޮވޭ ފަރާތަކަށް ވ. ކެޔޮދޫ ޖުޕިޓާ ސަންރައިޒްގައި ދެ މީހަކަށް ދެ ދުވަހުގެ ހުރުން ލިބިގެންދާއިރު އިނާމު ލިބޭ ފަރާތެއް ކަނޑައަޅާނީ ކޮންމެ މަހެއް ނިމުމުން ބާއްވާ ލަކީޑްރޯއަކުންނެވެ.

ޓެގު