English Edition
Dhivehi Edition

އިންޑިއާގެ ގޯއާގައި ހިނގި ކާރު އެކްސިޑެންޓެއްގައި މަރާތީ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ އިޝްވަރީ ދޭޝްޕާންޑޭ(25އ) މަރުވެއްޖެއެވެ.

ބޮލީވުޑްގެ ފިލްމެއްވެސް މަސައްކަތްކޮށްފައިވާ އިޝްވަރީ މަރުވެފައިވަނީ މިދިޔަ ހޯމަ ދުވަހު ހެނދުނުގެ ވަގުތެއްގައި އޭނާ އިން ކާރު ފެންގަނޑަކަށް ވެއްޓި ހިނިގި ހާދިސާއެއްގައެވެ، މި ހާދިސާ ހިނގި އިރު އޭނަ އާއި އެކު ކާރުގައި އިން ޝުބްހަން ޑެޖްވެސް މަރުވެފައިވާއިރު، ގޯއާ ފުލުހުން ބުނީ ހާދިސާގެ މައުލޫމާތު ލިބުނީ ހޯމަ ދުވަހު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އަދި މި މައުލޫމާތު ލިބުމާއެކު އެ ސަރަހައްދަށް ގޮސް އެމީހުން ފެންގަނޑުން ނެގުމުގެ މަސައްކަތް ކޮށްފައިވާކަމަށާއި އެއީ ކޮން ބައެއްކަން ދެނެގަނެވުނީ ކާރު ނަންބަރުން ކަމަށެވެ. އަދި އެއީ ކޮން ބައެއްކަން އެގުމާއެކު އެމީހުންގެ އާއިލާ އާއި އެ މައުލޫމާތު ހިއްސާކޮށްފައިވާނެކަމަށް ފުލުހުންނާއި ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ.

އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުން އިޝްވަރީ އާއި ޝުބްހަން އަކީ ލޯބީގެ ގޮތުން އުޅޭ ދެ މީހުންނެވެ. އަދި އަންނަ މަހު ދެމީހުން ކައިވެނިކުރުމަށް ނިންމާފައިވާއިރު، މި އެކްސިޑެންޓް ހިނގީ އެމީހުން ކްލަބަށް ގޮސް، އެބުރި ގެއަށް ދަތުރުކުރި މަގުމަތީގައެވެ. މި ކާރު ފެންގަނޑަށް ވެއްޓުމުން ދެމީހުންވެސް ސަލާމަތްވާން މަސައްކަތްކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެފައިވާއިރު، އެމީހުންނަށް ކާރުން ބޭރަށް ނުނިކުމެވުނީ ކާރުގެ ދޮރު ތަޅުލާފައި ހުރުމުންކަމަށްވެސް ރިޕޯޓްތައް ވަނީ ބުނެފައެވެ.

އެހެންނަމަވެސް މި ހާދިސާ ހިނގުމަށް މެދުވެރިވި ސީދާ ސަބަބެއް އަދި ހޯދިފައި ނުވާކަމަށް ފުލުހުން ބުނެފައިވާއިރު އެ ދެމީހުންގެ ޕޯސްޓްމޯޓަމް ވަނީ ހަދާފައެވެ. އަދި ޑޮކްޓަރުގެ ރިޕޯޓް މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާއިރު މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ،