English Edition
Dhivehi Edition
ޖިންސީ ގޯނާއާއި ދެކޮޅަށް އައްޑޫގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން--ފޮޓޯ: މީސްމީޑިއާ

މީގެ އަހަރުތަކެއް ކުރިން އަޑުއިވެނީ ހަމައެކަނި ސިޔާސީ ކަންކަމުގައި، ސިޔާސީ މީހުން އިހުތިޖާޖުކުރާ ވާހަކައެވެ. ސަރުކާރު ޖަވާބުދާރިކުރުމުގެ ނަމުގައި ފެށިގެންދާ މި އިހުތިޖާޖުތައް ނިމިގެން ދަނީ ގިނަ ރައްޔިތުންނަށް އަނިޔާވެ، ފުލުހުން އެއްވުން ރޫޅާލާ ހިސާބުންނެވެ. އޭރު ސިޔާސީ މީހުން ކުރި މުޒާހަރާތަކުގެ ކުލަ އާއި މަންޒަރު ބަދަލުވެ، އިންސާފާއި ހަމަހަމަކަން ހޯދުމާއެކު ސަރުކާރު ޖަވާބުދާރީކޮށް ކަމާއި ބެހޭ މުވައްސަސާތައް ޒިންމާދާރު ކުރުވުމަށް މިއަދު ‘އާދައިގެ ރައްޔިތުންނަށް’ވެސް މި ވަނީ މަގުމައްޗަށް ނިކުންނަން މަޖްބޫރުވެފައެވެ، ސަރުކާރުގެ މުވައްސަސާތަކުގެ ވެރިންނާއި، ކައުންސިލަރުންގެ އިތުރުން މަޖިލީސް މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީ ކުރުވުމަށްވެސް ރައްޔިތުން މަގުމައްޗަށް ނިކުންނަށް ހިސާބަށް ކަންތައް ދިއުމުން ގައުމުގެ ކަންކަން ބޮއްސުންލާފައިވާ މިންވަރު އަންދާޒާކޮށްލެވެ.

ކޮންމެ ދުވަހަކު ސޯޝަލް މީޑިއާއިން ފެނިގެންދާ މަންޒަރަކީ ރާއްޖޭގެ ކޮންމެވެސް އެއް ރަށެށްގައި ކަންކަން ބޮއްސުންލައިގެން ދިއުމުގެ ސަބަބުން ރައްޔިތުން ނިކުމެ އިހްތިޖާޖުކުރާ މަންޒަރެވެ، ސަރުކާރުގެ މުވައްސަސާތަކުގައި ‘ބޮޑު ތަޅުއަޅުވާ’ މައްސަލަތައް ހައްލު ހޯދައި ނުދެވެނީސް ގެއަށް ނުވަންނާނެކަމަށް ބުނެ އުފުލަމުންދާ އަޑުތަކެވެ. އެމީހުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކެވެ. ފުނިޖެހިފައިވާ މައްސަލަތަކަށް ހައްލެއްނުވެ ރައްޔިތުން ވަރުބަލިވެ އިންސާފަށް އެދި އާދޭސްކުރާ މަންޒަރެވެ.

ފާއިތުވެ ދިޔަ ހަފްތާއަށް އެކަނި ބަލާލިކަމުގައި ވިޔަސް، ކޮންމެވެސް ރަށެށްގައި މިފަދަ އިހްތިޖާޖެއް ނުކުރާ ދުވަހެއް ފާއިތުވެ ނުދެއެވެ. ސްކޫލްގައި ފެންބޮޑުވެ، ސްކޫލްގެ ކިޔަވަމުންދާ ދަރިވަރުންނަށް ފޯރަމުންދާ އުދަގޫތަކަށް ހައްލެއް ހޯދައިދިނުމަށް ބެލެނެވެރިން ނިކުމެ މުޒާހަރާކޮށްފައިވާއިރު ދެކުނުގެ ރަށެށްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ފުލުހަކު ހައްޔަރުނުކޮށްގެން ކުރި އިހްތިޖާޖެވެ،

ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދައިދީ މައްސަލަތައް ހައްލުކޮށް އިންސާފާއި ހޯދުމަށް، ކޮންމެ ފަހަރަކު މަގުމައްޗަށް ނުކުތުން ނޫން އެހެން ގޮތެއް ނެތެވެ. ހައްލުކުރަންޖެހޭ މައްސަލަތައް ފުނިޖެހިގެން ދާއިރުވެސް ކަމާއި ބެހޭ މުވައްސަސާތަކުން ‘ކަހާތަން ހިރުވާވެސް ނުލައެވެ. ރައްޔިތުންގެ ކަންކަމުގައި ބަސްބުނުމަށް ހޮވާފައިވާ ‘ބޭފުޅުން’ ވަކި އެއްވެސް ކަމެއް ނުވާކަމަށް ހެދިގެން ތިއްބެވިއިރު ރައްޔިތުން ހައްޤުތައް ހޯދުމަށް ކުރަމުންދާ އިހްތިޖާޖުތަކާއެކު އެމީހުން ‘ހަނާވަނީ”އެވެ. އިންސާފެން ނުލިބޭ ތަނުގައި ފުރާނައާއި މުދަލަށް ގިނަ ގެއްލުންތަކެއް ވަމުންދާއިރު މިއީ މިކަން އޮންންޖެހޭ ގޮތް ބާއެވެ؟

މުސާރައިގެ މައްސަލައިގައި ސިވިލް ސާވެންޓުން އަންނަ އާދިއްތަ ދުވަހު ކަޅު ހެދުމުގައި މަސައްކަތު ނުކުންނަން ނިންމާފައިވާއިރު ސަރުކާރުން ޖަވާބުދާރީ ނުވެއްޖެނަމަ ޖެހިގެން އަންނަ ހޯމަ ދުވަހު މަސައްކަތް ހުއްޓާލައި އިހުތިޖާޖުކުރާނެ ކަމަށް ބުނެފައިވާއިރު މިއަދު ކަންތައްކުރި ގޮތަށް އާދިއްތަ ދުވަހުވެސް ބާރުގެ ބޭނުންކޮށްގެން އިހުތިޖާޖު ރޫޅާލާނީތޯއެވެ. ނުވަތަ ދިވެހިންނަށް މި ނޫން ގޮތެއް ހޯދައި ދިނުމަށް މަސައްކަތްކުރާނީތޯއެވެ.