English Edition
Dhivehi Edition
ޖިންސީ ގޯނާއާއި ދެކޮޅަށް އައްޑޫގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން--ފޮޓޯ: މީސްމީޑިއާ

އައްޑޫސިޓީގައި 16 އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ބުނެ، ޖިންސީ ގޯނާއާއި ދެކޮޅަށް އެފަދަ މީހުން ގާނޫނުގެ ކުރިމައްޗަށް ގެނެސް އަދަބު ދިނުމަށް ގޮވާލާ އައްޑޫސިޓީގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

މިއަދު ހަވީރު 16:30 އެހާކަންހާއިރު އައްޑޫގެ ރައްޔިތުން ނިކުމެ، “ހައްޔަރުކުރޭ” ނަމުގައި ކުރިއަށް ގެންދާ މި މުޒާހަރާ އަކީ ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރާ ފަރާތަކުން ކުޑަ ކުއްޖަކު ރޭޕް ކުރިކަމަށް ބުނާ މައްސަލައެއް ފެންމަތިވުމާއި ގުޅިގެން ކުރިއަށް ގެންދާ މުޒާހަރާއެވެ.

އައްޑޫސިޓީ ހިތަދޫގައި ހުންނަ ސިޓީ ސްކޮއާ ކައިރިން މުޒާހަރާ ފަށާފައިވާއިރު، މުޒާހަރާގެ ބައިވެރިން ވަނީ ހިތަދޫގައި ހުންނަ ފުލުހުންގެ އިދާރާގެ ބައެއް ފުލުހުންނާއި ބައްދަލުކޮށް އެކަމުގައި ތުހުމަތު ކުރެވޭ ފުލުހުންގެ މީހާ ހައްޔަރު ކުރުމަށް ގޮވާލާފައެވެ. މުޒާހަރާގައި އައްޑޫގެ ގިނަ ބަޔަކު ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި އެސިޓީ ކައުންސިލްގެ ބައެއް މެމްބަރުން ވެސް ވަނީ ބައިވެރިވެފައެވެ.

މި މުޒާހަރާގެ ބައިވެރިން ވަނީ ފުލުސް މީހާ ދިރިއުޅޭ ގެ ކައިރިއަށް އެއްވެ އޭނާ ވަގުތުން ވަގުތަށް ހައްޔަރު ކުރުމަށް ފުލުހުންނަށް ގޮވާލާފައެވެ. އަދި ތުހުމަތު ކުރެވޭ ފުލުސް މީހާ ހައްޔަރު ކޮށްގެން ގެންދާއިރު، ބިޑި އަޅުވައިގެން ގެންދަން އެސަރަހައްދަށް އެއްވެގެން ތިބި އާއްމުން ވަނީ ޝަރުތުކޮށްފައެވެ.

ފުލުހުންގެ މީޑިއާއިންވެސް ވަނީ 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންގެ ސައުތު ޕޮލިސް ޑިވިޝަނަށް މި މަހުގެ 12 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށް ބުނެފައެވެ.