English Edition
Dhivehi Edition

ދައުލަތުގެ ކަންކަމާމެދު ބަސްބުނެ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މި އަހަރުގެ ބައިނަލްއަޤްވާމީ ޑިމޮކްރެސީ ދުވަހުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސްގެ ހިތާބުގައި ވިދާޅުވީ ކޮންމެ ޙާލަތެއްގައިވެސް ސަރުކާރުން މަސައްކަތް ކުރަމުން ދަނީ، ޑިމޮކްރެސީން ކަށަވަރުކޮށްދޭ ޙައްޤުތައް އޭގެ އެންމެ ފުރިހަމަ މާނައިގައި ލިބިދިނުމަށްކަމަށެވެ.

ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އެންމެހައި އަސާސީ ޙައްޤުތަކަށް މި ސަރުކާރުން އަބަދުވެސް އިޙްތިރާމްކުރާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ޙައްޤުތައް ލިބިދެވޭކަންވެސް ކަށަވަރުކުރާނެކަމަށެވެ. ހާއްސަކޮށް ދައުލަތުގެ ކަންކަމާ މެދު ބަސްބުނެ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުގެ އެންމެހައި ކަންކަން ދެފުށް ފެންނާނެހެން ހާމަކުރުމާއި، މަޢުލޫމާތު ޢާންމުކުރުމަކީވެސް، ޑިމޮކްރެސީގެ ހަމަތައް ނެގެހެއްޓުމުގައި މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.