English Edition
Dhivehi Edition

ގދ ތިނަދޫގައި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ފެން ހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ތެރެއިން ބަހައްޓާ ފުރަތަމަ ޕަމްޕް ސްޓޭޝަން އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައި ވަނީ ތިނަދޫގެ ރޯހައުސް ސަރަހައްދުންނެވެ.

ޖުމްލަ 38،636،650.20 ރުފިޔާގެ މި މަޝްރޫއުގެ ފުރަތަމަ ފޭސްގައި ތިނަދޫގެ 8 ސަރަހައްދެއްގައި ޕަމްޕް ސްޓޭޝަން ގާއިމްކުރުމަށް ހަމަޖެހިފައިވެއެވެ. މި މަސައްކަތް ސެނޮކް ކޮމްބައިން އާއި ހަވާލުކޮށްފައި ވަނީ އެއްއަހަރު ދުވަހުގެ ތެރޭގައި ނިންމުމަށެވެ. 2019 ވަނަ އަހަރު މަސައްކަތް ހަވާލުކުރެވުނު ނަމަވެސް މި މަޝްރޫއު ނުފެށި ލަސްވީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުންނެވެ.

މި މަސައްކަތް އަވަށްޓެރި ސްރީލަންކާގެ ސެނޮކް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށްގެންދާއިރު، މި މަޝްރޫއުގެ ދަށުން ބޭނުންކުރުމަށް ހަމަޖެހިފައިވާ ޑްރެއިނޭޖް ސިސްޓަމްއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭނުންކުރާ ސިސްޓަމެއްކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

ގދ. ތިނަދޫ ރައްޔިތުންގެ އުއްމީދަކީ މި މަޝްރޫއު ނިމުމާއެކު ތިނަދޫއަށް ދިމާވެފައިވާ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދިއުމެވެ.