English Edition
Dhivehi Edition

ތިނަދޫ އަށް މީހުން އާބާދުވިތާ 55 އަހަރު ފުރުމުގެ މުނާސަބާތުގައި އަންހެނުންނަށް ހާއްސަ ސަގާފީ ކުޅިވަރެއް ކުޅުމަށް މަޝްވަރާ ކުރެވި މަޝްވަރާ ހުއްޓުނީ ތިނަދޫގައި ސަގާފީ ކުޅިވަރެއް ގޮތުގައި ކުޅެމުން ދިޔަ “ބަޅެ ނޮންޓާ” ކިޔާ ކުޅިވަރަކަށެވެ. ޒަމާންތަކަކަށް ހުއްޓިފައި އޮތުމަށްފަހު މިކުޅިވަރު ކުޅުން ތިނަދޫ ކައުންސިލުން ނިންމި ނިންމުންވީ ތިނަދޫ އިސްރަށްވެހި ކަބަލުންނަށް މާޒީގެ އެތައް ހަނދާން ތަކެއް ގެނުވި ކަމަކަށެވެ.

ބަޅެ ނޮންޓާ ކުޅިވަރާއި ބެހޭ ގޮތުން ތިނަދޫ އިސްރަށްވެހި ކަނބަލުން ފަރާތުން އޭއޯ ނިއުސް އަށް މައުލޫމާތު ދިން ގޮތުގައި ކުޑައިރު ހަނދާން ހުންނަން ފެށީއްސުރެ މި ކުޅިވަރަކީ ވަރަށް ފޯރި އާއި ޖޯޝުގައި ކުޅުނު ކުޅިވަރެކެވެ. ހިނިތުންވުމާއި އެކު ކޮންމެ ކަނބަލަކުވެސް ހިއްސާ ކުރި ގޮތުގައި ކުޑައިރުގެ ވަރަށް ސަކަ ދުވަސްތައް މިކުޅިވަރު އަނެއްކާވެސް ކުޅޭތަން ފެނުމުން ހަނދާންވާ ކަމަށްވެއެވެ.

ފޯރިއާއި އެކު މިކުޅިވަރު ކުޅެމުން ގޮސް ފަނޑުވަމުން ގޮސްފައިވަނީ ކުރީ ޒަމާނުގައި މިކުޅިވަރު ޖޯޝުަގައި ކުޅެމުން އަންހެންވެރިންނަށް ލިބެންފެށި އެކި ކަހަލަ އަނިޔާގެ ސަބަބުން ކަމަށް ވެއެވެ. ނަމަވެސް އާންމުކޮށް ދޭތެރެ ދޭތެރެއިން އީދު ދުވަސް ތަކުގައި މިކުޅިވަރު ހާއްސަކޮށް ތިނަދޫ އުތުރު އަވަށުގައި ކުޅޭކަމަށް ވެއެވެ.

ދެޓީމަކަށް އެއްވަރަކަށް ކުޅުންތެރިން ބަހާލައިން ކުޅެލާ މިސަގާފީ ކުޅިވަރަށް “ބަޅެ ނޮންޓާ” ސީދާ ކިޔުނު ގޮތެއް ނޭނގޭ ކަމަށް ގިނަ އިސްރަށްވެހިންގެ ފަރާތުން މައުލޫމާތު ދިނެވެ. ބައެެއް އިސްރަށްވެހިން ފަރާތުން މައުލޫމާތު ލިބުނު ގޮތުގައި މިކުޅިވަރަށް “ހުލުން ހުލުން” ވެސް ކިޔާ އުޅެއެވެ. 50 އަހަރު ވެފައިވާ ކަނބަލުންވެސް ހިއްސާ ކުރެއްވި ގޮތުގައި އެކަނބަލުން އުމުރުން 6 އަހަރުން ފެށިގެންވެސް މިކުޅިވަރު ކުޅޭތީ ފެނެއެވެ. މާމަމެން ކުޅޭތަން ފެނި ދަަސްކޮށްގެން ކުޅިވަރު ތެރެއަށް ވަދެވުނު ކަނބަލުންވެސް މި ކުޅިވަރުގެ ވާހަކަ ހިއްސާ ކުރީ އުފަލާ އެކުއެވެ.

ދެޓީމަކަށް ބަހާލައިން ކުޅޭ މިކުޅިވަރުގައި ސަފުތަކަކަށް އެއް ޓީމް އެތުރިގެން ތިބޭ އިރު އިދިކޮޅު ޓީމް އެެއްކޮށް ތިބެނީ ސަފުތަކަށް ދުވެފައި އައިސް ވަދެވޭނެ ވަރަށް ދުރުގައެވެ. ޓީމް އެއްކޮށް ދުވަމުން ގޮސް ސަފުތައް ފޫ އަޅުވާފައި ޓީމް ކުޅުންތެރިން އަތު ނުޖެހި ދެވޭ ޓީމް އަކީ މޮޅުވާ ޓީމެވެ.

ތިނަދޫއަށް މީހުން އާބާދުވިތާ 55 އަހަރު ފުރުމުގެ މުނާސަބަތުގަައި އާބާދީ 55 ފާހަގަ ކުރުމުގެ ގޮތުން ބަޅެ ނޮންޓާ ކުޅެން ހަމަޖެހިފައިވަނީ ކޮންމެ ޓީމަކަށްވެސް 55 ކަނބަލުންނާއެކުއެވެ. ޖޯޝާއި ފޯރިއާއި އެކު ޒަމާން ތަކަކަށްފަހު ބަޅެ ނޮންޓާ ކުޅެން އިއުލާން ކުރުމާއި އެކު ތިނަދޫގެ ދުވަސްވީ ގިނަ ކަނބަލުންވެސް މިކުޅިވަރު ކުޅުމަށް ނުކުމެ މިހާރު ވަނީ އެންމެ ފަހުގެ ތައްޔާރީ ތައް ވެފައެވެ. 55 މިނެޓަށް ކުޅެން ހަމަޖެހިފައިވާ މިކުޅިވަރު ކުޅެން ހަމަޖެހިފައިވަނީ ތިނަދޫ ރަސްމީ ބޯޅަ ދަނޑުގައި 9 ސެޕްޓެމްބަރ 2021 ވަނަ ދުވަހު ހަވީރު 5:00 ގައެވެ.