English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުމީދޫ މެދު ބަނދަރަކީ ހުޅުދޫ މީދޫ ރައްޔިތުންގެ އިތުރުން ސިޓީގެ އެހެން އަވަށްތަކުގެ ރައްޔިތުންނާއި އެ ދެ އަވަށަށް ޒިޔާރާތްކުރާ ވަރަަށް ގިނަ ބަޔަކު ބޭނުން ކުރާ ބަނދަރެކެވެ. މި ބަނދަރަށް ދިއުމަށް ހަދާފައިވާ މަގުގެ ދެ ފަރާތުގައި އިންދާފައިހުރި ފެތިރޯނު ގަސްތަކުން ހިތަށް އުފާވެރިކަން ލިބުނު ނަމަވެސް މި މަގަކީ ވެހިކަލް ދުއްވުމާއި ހިނގާ އުޅޭ މީހުން ބޭނުން ކުރުމަށް ހަދާފައިވާ މަގެކޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތެވެ.

ހުޅުދޫ މީދޫގެ އެންމެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ތިން މުވައްސަސާއަށް ދެވެން އޮންނަ މި މަގުން ކޮންމެ ދުވަހަކު ދަތުރުކުރާ މުވައްޒަފުން، މި މަގުން ދަތުރުކުރުމަކީ ބޮޑު ތަކުލީފެކެވެ. މަގުގައި ކުދިކުދި ގާކޮޅުތައް ހުރުމުގެ އިތުރުން އަޑިގުޑަންތައް ގިނަ މި މަގުން ސަލާމަތްވެގެން، ދާން ބޭނުންވާ މަންޒިލާއި ހަމައަށް ދިއުމަކީ ނާދިރުކަމެކެވެ. މަގުގެ ހާލަތު ގޯސްވެ ބޭނުން ނުކުރެވޭ ހިސާބަށް ދިއުމުން މިހާރު މަގުގެ އެއް ފަރާތަށް ފަސް އަޅާފައިވާއިރު އެ ފަސް އެއްވަރުކޮށް ބާރުކޮށްފައި ނެތުމުން އެ މަގުން ދުއްވާ މީހުން އަދިވެސް ބޭނުންކުރަނީ މަގުގެ ފަސްނާޅާ އޮންނަ ފަރާތެވެ. ފަސްއަޅާފައިވާ ފަރާތުން ދުއްވުމަށްވުރެ އަޑިގުޑަންތަކުން ދުއްވުމުންވެސް މާ ރަނގަޅުކަމަށް ގިނަ ބަޔަކު ގަބޫލުކުރެވެއެވެ.

“އަދާކުރާ ވަޒީފާގެ ގޮތުން ކޮންމެ ފަހަރަކު ދެތިން ފަހަރު މި މަގުން ދުއްވަންޖެހޭ. އެކަމަކު މަގުގެ ހާލަތު އޮންނަ ގޮތުން އެކަން މި އޮންނަނީ ބޮޑު ބުރައަކަށްވެފައި. މި މަގުން ދުއްވައިގެން ވެހިކަލްތަކަށް ގެއްލުން ލިބުމުގެ އިތުރުން މީހާއަށްވެސް ގިނަ ގެއްލުންތަކެއް ލިބޭ. މަގުގައި މިހުންނަ ކުދި ގާކޮޅުތަކަށް އެރިފަވެސް ވެއްޓި އަނިޔާވެދާނެތީ ބިރުން ދުއްވަން މިޖެހެނީ.” އެ މަގުގެ ބޭނުން ކޮންމެ ދުވަހަކު ކުރަމުންދާ މީހަކު އޭނާގެ ކަންބޮޑުވުންތައް ‘އޭއޯ ނިއުސް’ އާއި ހިއްސާކުރަމުން ބުންޏެވެ.

މި ބަނދަރުމަގަކީ ރޭގަނޑުވެސް ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ މަގަކަށްވާއިރު މަގުގައި ޖަހާފައިވާ ގިނަ މަގު ބައްތިތައް ނުދިއްލޭކަމުގެ ޝަކުވާތައްވެސް ވަނީ ވަރަށް ބޮޑުވެފައެވެ.” ފަސްގަނޑަށް އަރައިގެން ވަކި ހިސާބަކަށް ކަޅު އަދިރިގަނޑުން ދާންޖެހޭއިރު މި މަގަކީ ހިނގާބިގާ އުޅޭ މީހުންނަށާއި ބައިސިކަލްގައި އުޅޭ މީހުންނަށްވެސް ރޭގަނޑު ބޭނުންކުރުމަށް ރައްކާތެރި މަގެއް ނޫން. މަގުގައި ދެ ފަރާތަށް އަލިވާނެހެން ލައިޓްތައް ޖަހާފައި ހުއްޓަސް މީގެން ގިނަ ލައިޓްތައް ދިއްލެނީ އެއް ނޫން.” އޭއޯ ނިއުސް އާއި ކުރިން ވާހަކަދެއްކި ފަރާތުން ބުންޏެވެ. އިތުރަށް އެ ފަރާތުން ބުނީ މި މަގުގައި ހިތާމަވެރި ހާދިސާއެއް ހިނގުމުގެ ކުރިން ކަމާއި ބެހޭ ފަރާތްތަކުންވެސް މިކަންކަން ބަލަންޖެހޭ ކަމަށާއި، މިއީ ހުޅުދޫ މީދޫ އެންމެ ގިނަ ބަޔަކު ބޭނުންކުރާ މަގަށްވީ ހިދު މި މަގު ރަނގަޅު ފެންވަރަކަށް ހެދެންޖެހޭކަމަށެވެ.

ހުޅުދޫ މީދޫ އާއި ސިޓީގެ ގިނަ ބައެއްގެ އިތުރުން ރަށަށް ޒިޔާރަތްކުރާ ފަރާތްކަށްވެސް އެންމެ ފުރަތަމަ މަރުހަބާކިޔާ މި މަގުގެ ހާލަތު ގޯސްވެ ރައްޔިތުންގެ ޝަކުވާތައް ބޮޑުވެފައިވާއިރު މި މަގަކީ ހިނގާ އަދި ދުއްވާ މީހުންނަށް ރައްކާތެރިމަގަކަށް ވާންޖެހޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.