English Edition
Dhivehi Edition

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ވަގަށް ގޮވޭ ފެންވަރުގެ އެއްވެސް މީހަކު ރައްޖޭގެ ސިޔާސީ މައިދާނުގައި ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ކާނަލް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ތިބި ކޮންމެ މީހެއް ފަތިފުށް ވަކިވަކިން ނިއުޅާލުމުން އެއީ ދިވެހި ދައުލަތުން ކިހާ ފައީސާއެއް ކާލައިގެން ދިވެހި ރައްޔިތުންގެ ކިހައި ފައިސާއަކަށް ހިޔާނާތްތެރިވެފައި ތިބި ބައެއްކަން އެގިގެންދާނެކަމަށެވެ. “ރާއްޖޭގެ ސިޔާސީ މައިދާނުގައި ތިބި ކޮންމެ މީހެއް ވަކިވަކިން އަޅުގަނޑުމެން ނަގާފައި އޭނާގެ ފަތިފުއް ބަލާލާފައި، ނިއުޅުވާލާފައި އަޅުގަނޑުމެން ހާމަކުރީމަ އެނގޭނެ މިއީ ދިވެހި ދައުލަތުން ކިހައި ފައިސާއެއް ކާލައިގެން ދިވެހި ރައްޔިތުންގެ ކިހައި ފައިސާއަކަށް ހިޔާނާތްތެރިވެފައި ތިބި ބައެއްކަން.” ކާނަލް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ނަން ހާމަނުކުރައްވާ، އޭނާއަށް ފާޑުވިދާޅުވަމުން ކާނަލް ވިދާޅުވީ ދިވެހިންގެ ތެރޭގައި ތިބި މަހުޖަނުންގެ ހަގީގަތް ބަލަން ޖެހޭ ކަމަށެވެ. ދައުލަތުން އެމީހުންނަށް ހާއްސަ އިނާޔަތްތަކަކާއި ރައްކާތެރިކަމެއް ނުދިންނަމަ އެމީހުން ވެސް ތިބެން ޖެހޭނީ ނާށިގަނޑު ހިފައިގެން ލޯކަލް މާރުކޭޓް ކަންމަތީގައި ކަމަށް ކާނަލް ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ވަރުގެ އަނިޔާވެރި ވަގަކު ނުފެންނަ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވުމާއި ގުޅިގެން ޕީޕީއެމެ/ޕީއެންސީގެ މެމްބަރުންނާއި ރައީސް ޔާމީނަށް ތާއިދުކުރާ ފަރާތްތަކުން ވަނީ އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.