English Edition
Dhivehi Edition

ދަނޑުވެރިކަން ކުރުމަށް ގއ.ގެމަނަފުށިން ދަނޑުބިން ދޫކުރުމަށް ނިންމައި ފިއެވެ.

ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި މިފަހަރު ދަނޑުބިންތައް ދިނުމަށް ނިންމާފައިވަނީ ދެ އަހަރު ދުވަހުގެ މުއްދަތަށެވެ. މިބިންތަކަށް މަހުކުއްޔެއް ދައްކަން ނުޖެހޭނެ ކަމަށާއި، ނަމަވެސް ބިމަށް ހުށަހަޅާއިރު އެޑްމިން ފީއެއްގެ ގޮތުގަައި 500 ރުފިޔާ ނެގިގެންދާނެ ކަމަށް ކައުސިލުން މައުލޫމާތު ދެއްވިއެވެ.

މިވަގުތު ރަށުގައި ލިބެންއޮތީ 30 އެއްހާ ދަނޑުބިން ކަމުން، ގިނަފަރާތްތަކަކުން ކުރިމަތިލައިފިނަމަ ބިން ދޫކުރަން ހަމަޖެހިފައިވަނީ ގުރުއަތުގެ އުސޫލުން ކަމަށާއި، މިއީ ސަރުކާރުގެ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން އިން ވެފައިވާ އެއްބަސްވުމަކާއި އެއްގޮތަށް ކުރިއަށް ގެންދާ ކަމެއްކަމަށް ކައުންސިލުން ވަނީ މައުލޫމާތު ދެއްވާފައެވެ.

ގެމަނަފުއްޓަކީ ދަނޑުވެރިން ގިނަ ރަށެއް ނަމަވެސް އާންމުގޮތެއްގައި ދަނޑުވެރިކަން ކުރަނީ ރޯދަ މަހަށް ހާއްސަކޮށްގެނެވެ. އެރަށުގެ ދަނޑުވެރިން ފާހަގަކުރާގޮތުގައި ރޯދަމަހު ދަނޑުވެރިން ހައްދާތަކެތި ވިއްކަން ފަސޭހަވެފައި ހިތްހަމަ ޖެހޭވަރުގެ އާމްދަނީއެއްވެސް ލިބިގެންދެއެވެ. ގެމަނަފުށީ ކައުންސިލުން ފާހަގަ ކުރިގޮތުގައި ދަނޑުވެރިން ހައްދާ ތަކެތި މިފަހަރު ނުވިކިގެން އުޅޭކަށް ނުޖެހޭނެއެވެ. އެތަކެތި ގަތުމަށްޓަކައި އެގްރޯނެޓް ގެ އެޖެންޓެއް ރަށުގައި ގާއިންކޮށްފައި ވާނެއެވެ.