English Edition
Dhivehi Edition

ރާއްޖޭގެ އެހެން ރަށްރަށަށް ވުރެ ނާޒުކު ތިމާވެއްޓެއް އޮންނަ، ފުވައްމުލައް ސިޓީ ގެ ރައްޔިތުން ޒަމާނުއްސުރެން ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ތިމާވެށީގެ މައްސަލައެވެ ޖޯގުރަފީގެ ގޮތުން ބަލާއިރު އެއްރަށެއްގެ ގޮތުގައި އުފެދިފައިވާ ފުވައްމުލަކަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައަކީ ރަށުގެ ކުދިބޮޑު އެންމެންގެ ކަންބޮޑުވުމެކެވެ. މީގެ އަހަރުތަކެއްގެ ކުރިން ހިކި ފަސްތަނެއްގެ ގޮތުގައި އޮތް ސަރަހައްދު މޫދަށްގޮސް، ރަށުގެ ހޭޅިފަށް ސަރަހައްދު ބަލަބަލާ ތިއްބާ ގިރި ހުސްވެއްޖެއެވެ. ހޭޅިފަށުން ފެންނަނީ ބިރުވެރިކަމެވެ. ޖަހަމުންދަނީ ބިރުވެރި ކަމުގެ އިންޒާރުގެ ރަނގަބީލުތަކުގެ އަޑެވެ. ކަމަށް އެކަށީގެންވާ އަވަސް ހައްލެއް ނުލިބިއްޖެނަމަ ލިބިދާނެ ބޮޑު ގެއްލުމުމާއި ކުރިމަތީލާން ޖެހޭ ނުރައްކާ އިންތިހާވެސް ބޮޑެވެ.

ގުދުރަތީ ގޮތުން ރަށް އުފެދުމުގައިވެސް ވިލެއް ފަޅެއް ވަކިނުވާ ފުވައްމުލަކުގެ ބިމުން ފާއިތުވެދިޔަ ވިހި ތިރީސް އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 50 ނުވަތަ 60 މީޓަރު ބިމުން ގެއްލުގެން ގޮސްފައިވާއިރު މިކަމުގެ ކަންބޮޑުވުންތަކާއި ޝަކުވާތަކާ އެކު މި ރަށުގެ ރަށްޔިތުން ޓަކިނުޖަހާ ސަރުކާރެއް ނެތެވެ. ފުވައްމުލަކުގެ ރަށްގިރުމުގެ މައްސަލަ ހައްލު ކުރަން އެންމެ ފުރަތަމަ ވައުދުވީ ރައީސް މައުމޫނު އަބްދުލްގައްޔޫމުއެވެ، އޭގެ ފަހުން އެވައުދު ތަކުރާރު ނުކުރައްވާ ރައީސެއް މި ރާއްޖެ އަށް އިންތިޚާބު ނުވާކަމަށާއި އެ ވައުދު ތަކުރާރު ނުކުރައްވާ މަޖިލިސް މެމްބަރެއް ފުވައްމުލަކަށް އިންތިޚާބު ނުވާކަމަށް އެ ރަށުގެ ރައްޔިތުން ވަނީ ބުނެފައެވެ.

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގައި ތެރޭގައި ފުވައްމުލަކުގެ ގިރާ ސަރަހައްދުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފެށުން ހިމެނެއެވެ. އަދި 2021ވަނަ އަހަރު ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފެށިގެން ދާނެކަމަށް މިނިސްޓްރީ އޮފް އެންވަޔަރުމަންޓާއި ހަވާލާދީ ފުވައްމުލައް ސިޓީ ކައުންސިލުން މީގެކުރިން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އޭރު ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފައިވަނީ މިމަޝްރޫޢުގެ މަސައްކަތް 2 އަހަރު ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ.

މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި ވެސް ފުވައްމުލަކުގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް 52.333.623 ރުފިޔާ ހިމަނައި އެމަސައްކަތް ވަނީ ޓެންޑާރވެސް ކޮށްފައެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ މަސައްކަތް ފެށޭނެކަމުގެ ޔަގީންކަން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަަދެއްވާފައިވާއިރު މިއަހަރުގެ މިހާތަނަށް އައި އިރު މިކަމާއި ގުޅޭ އެއްވެސް އަމަލީ މަސައްކަތެއް ފެށިފައެއް ނުވެއެވެ، މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެތެރޭގައި މަސައްކަތް ފެށޭނެކަމުގެ ފޮނި އުއްމީދުގައި ރައްޔިތުން ތިބިއިރު އަށް މަސް ފާއިތުވެގެން ދިޔައީ ރައްޔިތުންނަށް އިތުރު މާޔޫސްކަމާއެކުގައެވެ.

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު މިހާ ހިސާބަށް ގޮސްފައިވާ ގޮތާއި ބެހޭ ގޮތުން ‘ އޭއޯ ނިއުސް’ އާއި ވާހަކަދައްކަމުން ފުވައްމުލައް ސީޓިގެ މޭޔަރު އިސްމާއީލް ރަފީގު ވިދާޅުވީ މިހާރު ޓެކްނިކަލް އިވަލުއޭޝަން ނިމި ކުވެއިތު ފަންޑާއި އޯރިއޯ ފަންޑާއި ހިއްސާކޮށްފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ފައިނޭނަޝަނަލް ޕްރޮޕޯޒަލް ކެނޑުމަށްފަހު އިވަލުއޭޓްކުރުމުގެ މަސައްކަތްކަމަށާއި މިއީ މި މަސައްކަތުގެ ފައިނަލް ސްޓޭޖްކަމަށް އިސްމާއީލް ރަފީގު ވިދާޅުވިއެވެ.

މި މަސައްކަތަށް މިހާ ބޮޑު ލަސްވުމެއް އައި ސަބަބު ހާމަކުރައްވަމުން އިސްމާއީލް ރަފީގް ވިދާޅުވީ ބޭރުގެ ޑޯނާ އެޖެންސީތަކުގެ ވަރަށް ގިނަ ރިކުއާމެންޓްތަކަށް ބަދަލު ގެނެސް އެކަމަށް ވަރަށް ބޮޑަށް ބަލަންޖެހުނު ކަމަށެވެ. އަދި ފަންޑުކުރާ ފަރާތްތަކުން ހަމަޖައްސަންޖެހޭ ބައެއް ކަންތައްތައް ހަމަޖެހުމުގައިވެސް ލަސްތަކެއް އައި ކަމަށް އިސްމާއީލް ރަފީގް ވިދާޅުވެފައިވާއިރު ސެޕްޓެމްބަރު މަސްތެރޭ މަސައްކަތް ފެށޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ މި މަސައްކަތުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ނިމޭނެ ކަމަށް އިސްމާއީލް ރަފީގް ވިދާޅުވެފައިވާއިރު މި މަސައްކަތް ފެށޭނެ ސީދާ ތާރީހެއް އެގިގެންދާނީ އެގްރީމެންޓު ހެދުމަށްފަހުކަމަށް އިސްމާއިޅް ރަފީގް ވިދާޅުވިއެވެ.

ނެދަލޭންޑްގެ އޯރިއޯ އާއި ދިވެހި ސަރުކާރާއި ދެމެދު 2014 އަަހަރުގެ ކުރެވުނު އެގްރީމެންޓެއްގެ ދަށުން ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ފެށުނު މަސައްކަތުގައި ނެދަލޭންޑްގެ އޯރިއޯ ފަންޑުންނާ އި ކުވޭތު ފަންޑުގެ އެހީ ހަމަޖެހި ބިޑިންގ ޕްރޮސެސްގައި އޮތް މަޝްރޫޢެއް ނުފެށި ލަސްވުމުގެ ޝަކުތާއް ރައްޔިތުން ކަރަމުން އަންނައިރު މި މަސައްކަތް އަވަހަށް ފެށިގެން ދިއުމަކީ ފުވައްމުލައް ސިޓީގެ ހުރިހާ ރައްޔިތުންގެ އުއްމީދެވެ،