English Edition
Dhivehi Edition

އިޓާލިއަން ސެރިއޭގައި ރޭ އަމިއްލަ ދަނޑުގައި އެމްޕޮލީއާ ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުން 1-0 އިން ބަލިވެއްޖެއެވެ.

މިއީ މި ފަހަރުގެ ސީޒަނުގައި ލީގުގައި ޔުވެންޓަސް އަށް މޮޅެއް ނުހޯދި ނިންމާލަންޖެހުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި ރަށުން ބޭރުގައި އުދިނޭޒީއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރުވެގެންނެވެ.

ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 21 ވަނަ މިނެޓުގައި އެމްޕޮލީ އަށް ކާމިޔާބުކޮށްދިނީ ލިއޮނާޑޯ މަންކޫސޯ އެވެ. އޭނާ އަކީ 18 މަސް ދުވަހު ޔުވެންޓަސްގައި ހުރި ނަމަވެސް ރަސްމީ މެޗެއްގައި އެ ޓީމަށް ކުޅުމުގެ ފުރުޞަތު ނުލިބުނު ކުޅުންތެރިއެކެވެ.

މި މެޗުގައި ޔުވެންޓަސް އަށް އެއްވަރުކޮށްދޭން އިޓަލީގެ އުއްމީދީ މިޑްފީލްޑަރު މެނުއެލް ލޮކަޓެއްލީ އަށް ވަނީ ރަނގަޅު ދެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ދެ ބޯޅަ ވެސް ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ޓޮރީނޯ އަތުން 2-1 އިން ފިއޮރެންޓީނާ މޮޅުވިއިރު، އެޓަލާންޓާގެ ދަނޑުގައި ބޮލޯނިއާއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި 0-0 އިން އެއްވަރުވެގެންނެވެ. ލާޒިއޯ އިން އަމިއްލަ ދަނޑުގައި 6-1 އިން ސްޕެޒިއާ ބަލިކުރިއިރު، އިޓަލީގެ ފޯވާޑް ޗީރޯ އިމޯބިލޭ ހެޓްރިކް ހެދިއެވެ.

މި މުބާރާތުގައި މިރޭ ކުޅޭ މެޗުތަކުގެ ތެރޭގައި، އޭސީ މިލާންގެ ދަނޑުގައި ކަލިއާރީއާ ދެކޮޅަށް ނިކުންނަ މެޗާއި އަލަށް ޕްރޮމޯޓުވި ސަލާނިޓާނާގެ ދަނޑުގައި އޭއެސް ރޯމާ ކުޅޭ މެޗު ފާހަގަކޮށްލެވެއެވެ.