English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެންމެ ފޯރިގަދަ މެޗުގައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ޗެލްސީއާ 1-1 އިން ލިވަޕޫލް އެއްވަރުވެއްޖެއެވެ.

އެންފީލްޑްގައި ރޭ ކުޅުނު މި މެޗުގެ 22 ވަނަ މިނެޓުގައި ޗެލްސީ އަށް ލީޑްނަގައިދިނީ ކާއީ ހަވާޓްޒް އެވެ. ހަވާޓްޒް މި ލަނޑުޖެހީ އިނގިރޭސި ފުލްބެކް ރީސް ޖޭމްސް ނަގައިދިން ކޯނަރަކުންނެވެ.

އެކަމަކު، މެޗުގެ ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ލިވަޕޫލްގެ ފޯވާޑް ސަޑިއޯ މާނޭ ފޮނުވާލި ބޯޅައެއް ގޯލް ރޮނގުމަތިން ޗެލްސީގެ ޖޭމްސް އަތުން ޖެއްސުމުން ރެފްރީ ވަނީ ވީއޭއާރްގެ އެހީ ހޯދުމަށްފަހު ޖޭމްސް އަށް ރަތް ކާޑު ދެއްކުމަށްފަހު ލިވަޕޫލަށް ޕެނަލްޓީއެއް ދީފައެވެ. ލިވަޕޫލަށް ލިބުނު މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު އެވެ.

ދެވަނަ ހާފުގައި ލިވަޕޫލް މޮޅުކޮށްދިނުމަށް ނެދަލެންޑްސްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް އާއި ފަބީނިއޯގެ އިތުރުން އެންޑީ ރޮބަޓްސަން ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ޗެލްސީގެ ގޯލްކީޕަރު އެޑޮއާޑް މެންޑީ އެވެ. މި ހާފުގައި ޗެލްސީ އަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ޕެނަލްޓީއޭރިޔާތެރެއިން ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އެއްފަހަރުން ފޮނުވާލި ހަމަލާ ލިވަޕޫލްގެ ޑިފެންޑަރު ޖޮއެލް މަޓިޕް ބްލޮކްކުރިއެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އަމިއްލަ ދަނޑުގައި 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އާސެނަލް އަތުން މެންޗެސްޓާ ސިޓީ މޮޅުވިއިރު، ބްރައިޓަން އަތުން ރަށުން ބޭރުގައި އެވަޓަން މޮޅުވީ 2-0 އިންނެވެ. ވެސްޓް ހޭމް ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުން 2-2 އިން ދެ ޓީމު އެއްވަރުވިއިރު، ނިއުކާސަލް ޔުނައިޓެޑާ ސައުތެމްޓަން ބައްދަލުކުރި މެޗު ނިމުނީ ވެސް ހަމަ މިނަތީޖާއިންނެވެ. ލެސްޓާ ސިޓީން ވަނީ ނޯވިޗްގެ ދަނޑުގައި 2-1 އިން މޮޅުވިއިރު، އެސްޓަން ވިލާގެ ދަނޑުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

މި މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެ ތެރޭގައި، ވުލްވްސްއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ނިކުންނައިރު ޓޮޓެންހަމް ހޮޓްސްޕާ ނިކުންނާނީ ވަޓްފޯޑާ ދެކޮޅަށެވެ. މިއަދުގެ އަނެއް މެޗުގައި ބައްދަލުކުރާނީ ބާންލީއާ ލީޑްސް އެވެ.