English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫގައި އާދަޔާ ހިލާފަށް ‘ފިނިހަކަ’ ގިނަވެ ރަށުގެ ގެތަކުގެ ގަސްތަކާއި، މާބަގީޗާތަކަށް އަދި ބައެއް ދަނޑުބިންތަކަށް ވެސް ފިނިހަކައިގެ ނުރައްކާވަނީ ފޯރާފައެވެ.

ފިނިހަކައިން ގަސްގަހަށް ލިބޭ ގެއްލުންތައްވެސް ނުހަނު ބޮޑެވެފައިވާއިރު ވަކިން ޚާއްޞަކޮށް، އަލަށް ފަޅައިގެން ހެދޭ ޅަ ގަސްތަކަށް މިއީ ބޮޑު ނުރައްކަލެކެވެ.

ފާއިތުވެދިޔަ ހަތަރުމަސް ދުވަހުގެ ތެރޭގައި ފިނިހަކަ އާލާވެ ގިނަވެފައިވާ އިރު ދަނޑުވެރިންނަށްވެސް ވަނީ ފިނިހަކައިގެ އުދަގުލާ ކުރިމަތިލާންޖެހިފައެވެ. މި ގޮތުން ބައެއް ދަނޑުތަކުގައި ހައްދާ ފަތްޕިލާވެލީ އެއްވެސް ބާވަތެއް މިހާރު ނުހެއްދޭކަން ދަނޑުވެރިންވަނީ ފާހަގަކޮށްފައެވެ.

ބައެއް ހިސާބުތަކުގައި ފިނިހަކަ ގިނަވެ ބަގީޗާ ގަސްތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ދެމުން އަންނައިރު މީދޫ އިން ވާހަކަދެއްކި މީހަކު ބުނީ ތަފާތު ބޭސްތައް ބޭނުން ކުރިޔަސް ފިނިހަކަ ކޮންޓްރޯލް ކުރެވިފައިނުވާ ކަމަށެވެ. “ދުވާލު ފިނިހަކަތައް ތިބެނީ ފަސްގަނޑުތެރެއަށް ވަދެފަ. ފިނިހަކަ ނުކުމެ ގަސްތައް ކަނީ ރޭގަނޑު. ފަތްތަކާއި، މޭވާތަކާއި، ގަސްގަނޑު ވެސް ދަނީ ކަމުން. މިހާރު މިކަމަށް ބޭނުން ނުކުރާ ބޭހެއް ނެތް. ކިރިޔާވެސް މައިތިރިވަނީ އަޔޮޑިން ލޮނު އަޅައިގެން” އެމީހާ ބުންޏެވެ.

ފިނިހަކައިން ސަލާމަތްވުމަށް އޮތް އެއް ހައްލަކީ ފިނިހަކައިގެ ޕްރިޑޭޓަރ ކަމުގައިވާ ފްލެޓް ވާމެވެ. ފްލެޓްވާމް ބާވަތުގެ މި ފަނި މިހާރު އައްޑޫއިންވެސް ފެންނަ މިންވަރު ވަރަށް މަދުވެފައިވާއިރު ގިނަ ބަޔަކުވަނީ ފިނިހަކައިގެ އުނދަގޫ މިހާ ބޮޑުވި އެއް ސަބަބަކީވެސް ކުރިން ހުންނަ ގޮތަށް މި ފަނި ނެތުންކަމަށް ބުނެފައެވެ.