English Edition
Dhivehi Edition

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ބާސެލޯނާގެ ހޮލެންޑް ފޯވާޑް މެމްފިސް ޑިޕާއީ ވައްދާލި ލަނޑާއެކު ރަށުން ބޭރުގައި އެތުލެޓިކް ބިލްބާއޯ އަތުން ބަލިނުވެ ސަލާމަތްވެއްޖެއެވެ. މި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

ބިލްބާއޯގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 50 ވަނަ މިނެޓުގައި އެ ޓީމަށް ލީޑްނަގައިދިނީ އިނީގޯ މާޓިނޭޒް އެވެ. މިއީ އެ ޓީމުގެ ކެޕްޓަން އިކާ މުނިއައީން ނެގީ ކޯނަރަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން މާޓިނޭޒް ކާމިޔާބުކުރި ގޯލެކެވެ.

ބާސެލޯނާ އިން އެއްވަރުކުރަން ކުރި މަސައްކަތް ކާމިޔާބުވީ، މެޗު ނިމެން 15 މިނެޓަށްވެފައިވަނިކޮށް ހޮލެންޑްގެ ފޯވާޑް މެމްފިސް ޑިޕާއީ ކާމިޔާބުކުރި ގޯލުންނެވެ. ޑިޕާއީ މި ލަނޑުޖެހީ ސާޖީ ރޮބާޓޯ ދިން ބޯޅައަކުންނެވެ.

މެޗުގެ އިތުރުވަގުތުގައި ބާސެލޯނާގެ ޑިފެންޑަރު އެރިކް ގާސިއާ އަށް ސީދާ ރަތެއް ދެއްކުމުން އެ ޓީމުން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ގާސިއާ އަށް ރަތް ކާޑު ދެއްކީ އެންމެ ފަހަތުގައި ހުރެ ބިލްބާއޯގެ ފޯވާޑް އިނާކީ ވިލިއަމްސް އަށް ފައުލްކުރުމުންނެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ގްރަނާޑާއާ ދެކޮޅަށް ވެލެންސިއާ ކުޅުނު މެޗުން ދެ ޓީމު 1-1 އިން އެއްވަރުވިއިރު، އެސްޕަންޔޯލް އާއި ވިޔަރެއާލް ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި 0-0 އިން އެއްވަރުވެގެންނެވެ. ޑިޕޯޓިވޯ އަލާވެސް އަތުން ރެއާލް މަޔޯކާ މޮޅުވީ 1-0 އިންނެވެ.

މި މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެ ތެރޭގައި އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑްގެ ދަނޑުގައި އެލްޗޭއާ ދެކޮޅަށް ނިކުންނަ މެޗާއި، ވާދަވެރި ރެއާލް މެޑްރިޑުން ރަށުން ބޭރުގައި ލެވަންޓޭއާ ބައްދަލުކުރާ މެޗު ހިމެނެއެވެ.