English Edition
Dhivehi Edition
ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ޖެކް ގްރީލިޝް އުފާ ފާޅުކުރަނީ. --ފޮޓޯ: ޓުވިޓާ

މިފަހަރުގެ ސީޒަނަށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ބޮޑު އަގުގައި ގެނައި އިނގިރޭސި މިޑްފީލްޑަރު ޖެކް ގްރީލިޝް ވައްދާލި ލަނޑާއެކު އެ ޓީމުން 5-0 ގެ ތަފާތަކުން ނޯވިޗް ސިޓީ ބަލިކޮށް، ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

މިއީ ސިޓީން މި ސީޒަނުގައި ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ މެޗެވެ. އެ ޓީމުން ސީޒަން ހުޅުވުމަށް ކުޅެވުނު އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗުން ލެސްޓާ ސިޓީ އަތުން 1-0 އިން ބަލިވިއިރު، ލީގުގެ ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ޓޮޓެންހަމް ހޮޓްސްޕާ އަތުން ބަލިވީ ވެސް ހަމަ މި ނަތީޖާއިންނެވެ.

ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގައި އެ ޓީމުން ލީޑްނެގީ ހަތްވަނަ މިނެޓުގައި ނޯވިޗްގެ ކީޕަރު ޓިމް ކްރުލް އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. އޭގެފަހުން، މެޗުގެ 22 ވަނަ މިނެޓުގައި އެ ޓީމުގެ ބްރެޒިލް ފޯވާޑް ގެބްރިއެލް ޖެސޫސް ތަނަވަސްކުރި ފުރުޞަތަކުން ގްރީލިޝް ކާމިޔާބުކުރި ގޯލާއެކު ސިޓީން ފުރަތަމަ ހާފު ނިންމާލީ 2-0 އިން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ 19 ވަރަކަށް މިނެޓުގެ ތެރޭގައި ސިޓީގެ ތިންވަނަ ލަނޑުޖަހައިދިނީ ސްޕެއިނުގެ ޑިފެންޑަރު އައިމެރިކް ލަޕޯޓް އެވެ. އަދި އޭގެފަހުން މެޗުގެ 71 ވަނަ މިނެޓުގައި އެ ޓީމުގެ ހަތަރުވަނަ ލަނޑު، ދެވަނަ ހާފުގައި ކުޅެން ނިކުތް އިނގިރޭސި ވިންގާ ރަހީމް ސްޓާލިން ކާމިޔާބުކުރީ ޖެސޫސް ދިން ބޯޅައަކުންނެވެ. މެޗުނިމެން ހަ މިނެޓަށްވެފައިވަނިކޮށް ސިޓީގެ ފަހު ލަނޑުޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަލްޖީރިއާގެ ވިންގާ ރިޔާދް މާރޭޒް އެވެ.

ލީގުގައި ރޭ ލިވަޕޫލުން ވަނީ އަމިއްލަ ދަނޑުގައި ނޯވިޗް 2-0 އިން ބަލިކޮށްފައެވެ. މި މެޗުގައި ލިވަޕޫލުން ޖެހި ފުރަތަމަ ލަނޑު، 18 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިއޯގޯ ޔޮޓާ އެވެ. އަދި މެޗުގެ 69 ވަނަ މިނެޓުގައި އެ ޓީމުގެ ދެވަނަ ލަނޑުޖަހައިދިނީ ސަޑިއޯ މާނޭ އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ނިއުކާސަލް ޔުނައިޓެޑް އަތުން އަމިއްލަ ދަނޑުގައި 2-0 އިން އެސްޓަން ވިލާ މޮޅުވިއިރު، ވަޓްފޯޑް އަތުން ބްރައިޓަން މޮޅުވީ ވެސް ހަމަ މި ނަތީޖާއިންނެވެ. ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް އަލަށް ޕްރޮމޯޓުވި ބްރެންޓްފޯޑް ކުޅުނު މެޗުން ދެ ޓީމަށް ލަނޑެއްނުޖެހި 0-0 އިން އެއްވަރުވިއިރު، ލީޑްސް ޔުނައިޓެޑާ ދެކޮޅަށް އެވަޓަން ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.