English Edition
Dhivehi Edition
މާޒިޔާ ކޮޅަށް ލަނޑުޖެހުމަށްފަހު އޭޓީކޭ މޯހަން ބަގާންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: އޭއެފްސީކަޕް ޓުވިޓާ

އޭއެފްސީ ކަޕް ގްރޫޕް ޑީގައި ރޭ ކުޅުނު މެޗުން އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަތުން 3-1 އިން ބަލިވެ، މާޒިޔާ އަށް ދެވަނަ ބުރަށް ދަތުރުކުރުމުގެ ފުރުޞަތު ގެއްލިއްޖެއެވެ.

ރޭގެ ނަތީޖާއާއެކު މި ގްރޫޕުގައި މިހާތަނަށް ކުޅުނު ދެ މެޗުން ހޯދީ ހަ ޕޮއިންޓާއެކު މޯހަން ބަގާން އެއްވަނައިގައި އޮތްއިރު، އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އެވެ. ތިންވަނައިގައި އޮތް ބެންގަލޫރު އެފްސީ އަށް އެއް ޕޮއިންޓް ލިބިފައިވާއިރު، މާޒިޔާ ފުލުގައި އޮތީ ޕޮއިންޓެއްނުލިބިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 25 ވަނަ މިނެޓުގައި މާޒިޔާ އިން ލީޑްނެގީ އަވަސް ކައުންޓަ އެޓޭކެއްގައި ކޯނެލިއަސް ސްޓެވާޓް ދިން ބޯޅައަކުން އިބްރާހިމް އައިސަމް ކާމިޔާބުކުރި ގޯލުންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ތިންވަނަ މިނެޓުގައި މޯހަން ބަގާން އަށް އެއްވަރުކޮށްދިނީ ލިސްޓަން ކޮލަކޯ އެވެ. މިއީ މި ހާފުގައި ކުޅެން ނިކުތް އަޝޫތޯޝް މެހްތާ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން ކޮލަކޯ ކާމިޔާބުކުރި ގޯލެކެވެ.

އޭގެފަހުން، މެޗުގެ 64 ވަނަ މިނެޓުގައި މޯހަން ބަގާން އަށް ފުރަތަމަ ފަހަރަށް ލީޑްނަގައިދިނީ ރޯއީ ކްރިޝްނާ އެވެ. މިއީ އެ ޓީމުގެ ކޮލަކޯ ފޮނުވާލި ބޯޅައެއް މާޒިޔާގެ ކީޕަރު މިރްޒޮހިދު މަތަކުރުމުން ދެވަނަ ފަހަރަށް އެ ބޯޅަ ކްރިޝްނާ އަށް ލިބުމުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

އަދި އޭގެފަހުން، މި މެޗުން މޯހަން ބަގާން އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު، މެޗު ނިމެން 14 މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ މަންވީރް ސިންގ އެވެ. މިއީ އެ ޓީމަށް ކުޅޭ ފްރާންސަށް އުފަން ފޯވާޑް ހޫގޯ ބޯމަސް ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

މި މުބާރާތުގައި އިއްޔެ ހަވީރު އިންޑިއާގެ ބެންގަލޫރާ ދެކޮޅަށް ބަޝުންދަރާ ކުޅުނު މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި 0-0 އިން އެއްވަރުވެގެންނެވެ.