English Edition
Dhivehi Edition

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަނުގެ މަގާމަށް އައިޝަތު ހަސަން އައްޔަން ކުރައްވައިފިއެވެ.

މި މަގާމަށް އައްޔަންކުރި އައިޝަތު ވަނީ އިކޮނޮމެޓްރިކްސް އިން މާސްޓާސް އަދި އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް އިން ބެޗެލާސް ޑިގްރީ ހާސިލްކުރައްވައިފަ އެވެ.

މިދިޔަ މަހު އަމަލުކުރަން ފެށި ތަފާސްހިސާބުގެ ބިލުގެ ދަށުން އުފެއްދި މިނިވަން މުއައްސަސާއެއް ކަމަށްވާ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަނުގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވާނީ ރައީސުލް ޖުމްހޫރިއްޔާ އެވެ. މި މަގާމަށް އައްޔަންކުރައްވަން ޖެހޭނީ، މަގާމަށް ކުރިމަތިލުމަށް އާންމުކޮށް އިއުލާންކޮށްގެން ހޮވޭ ބޭފުޅެކެވެ.

ތަފާސްހިސާބުގެ ގާނޫނުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ ތަރައްގީކުރުމާއި ގައުމުގެ އިގުތިސާދީ އިޖްތިމާއީ އަދި ތިމާވެށީގެ ހާލަތު އަންގައިދޭ މުހިންމު ތަފާސްހިސާބު ގައުމީ ފެންވަރުގައި އެއްކޮށް، ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އިތުބާރުހުރި ގޮތެއްގައި، އެއްހަމައެއްގައި ފޯރުކޮށްދިނުމެވެ.