English Edition
Dhivehi Edition

އޭއެފްސީ ކަޕްގެ ގްރޫޕް ޑީގައި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އަތުން 2-0 އިން ރާއްޖޭގެ މާޒިޔާ ބަލިވިއިރު، އިންޑިއާގެ ބެންގަލޫރު އެފްސީގެ މައްޗަށް އޭޓިކޭ މޯހަން ބަގާން ކުރިހޯދީ ވެސް 2-0 އިންނެވެ.

މިއީ އޭއެފްސީ ކަޕް މެޗެއްގައި ބަންގްލަދޭޝްގެ ޓީމެއް އަތުން މާޒިޔާ ބަލިވި ފުރަތަމަ ފަހަރެވެ. މީގެކުރީން، ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް މާޒިޔާ ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފައެއްނުވެއެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ބަޝުންދަރާ އިން ކާމިޔާބުކުރި ފުރަތަމަ ގޯލަކީ 25 ވަނަ މިނެޓުގައި މާޒިޔާގެ މިޑްފީލްޑަރު މުހައްމަދު އިރުފާން އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މި މެޗުގައި ބަޝުންދަރާ އިން ޖެހި ދެވަނަ ގޯލަކީ 40 ވަނަ މިނެޓުގައި މާޒިޔާގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާނަގައި އެ ޓީމުގެ ފޯވާޑް ރޮބީނިއޯ ކާމިޔާބުކުރި ގޯލެކެވެ.

ދެވަނަ ހާފުގައި ބަޝުންދަރާގެ ރޮބީނިއޯ އާއި ބެސޭރާ އަށް އެ ޓީމުގެ ލީޑް އިތުރަށް ފުޅާކުރުމަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވިއިރު، މާޒިޔާ އަށް ލިބުނު ހިލޭޖެހުމަކުން ހަމްޒާ މުހައްމަދު (ހަމްޕު) ފޮނުވާލި ބޯޅަ ބަޝުންދަރާގެ ގޯލްކީޕަރު އަނީސުރް ރަހުމާން މަތަކުރިއެވެ.

މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބެންގަލޫރު އަތުން 2-0 ގެ ނަތީޖާއަކުން މޯހަން ބަގާން މޮޅުވިއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ކެޕްޓަން ރޯއީ ކްރިޝްނާ އާއި ސުބަޝިޝް ބޯސް އެވެ.