English Edition
Dhivehi Edition

ކެންޔާގެ ވެރިރަށް ނައިރޯބީގައި މިހާރު ކުރިޔަށްދާ 20 އަހަރުން ދަށުގެ ވޯލްޑް އެތްލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކޮށް އައްޑޫ ސިޓީގެ ހިތަދޫ އަށް ނިސްބަތްވާ އައިޝަތު ހިމްނާ އަންހެނުންގެ ގައުމީ ރިކޯޑެއް އާކޮށްފިއެވެ.

އަންހެނުންގެ 400 މީޓަރު ދުވުމުގައި ހީޓުގެ ދެވަނަ ބުރުގައި ވަރުގަދަ ދުވުންތެރިންނާއި ވާދަކޮށް، ހިމްނާ ރެކޯޑް އާކުރީ 58.90 ސިކުންތުން ދުވުން ނިންމައިގެންނެވެ.

ކުރިންވެސް 400 މީޓަރު ދުވުމުގެ ރިކޯޑް އޮތް ހިމްނާ ގައުމީ ރިކޯޑް ފުރަތަމަ މުގުރާލީ 2019 ވަނަ އަހަރުު އޭޝިއަން ޔޫތު ޗެމްޕިއަންޝިޕުގައެވެ . އެފަހަރު އޭނާ ރެކޯޑު ގާއިމުކުރީ 59.18 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ފަހަރު ހިމްނާ މި ރިކޯޑު އާ ކޮށްފައިވަނީ 0.28 ސިކުންތުގެ ތަފާތަކުންނެވެ.
ރާއްޖޭގެ އެންމެ އަރަމުން އަންނަ އެއް ދުވުންތެރިއަކީ ހިމްނާއެވެ. ދުވުމުގެ ޑިސިޕްލިން އާއެކު އޭނާ ދަނީ ފަހަރަކަށް ފަހު ފަހަރެއް ކުރިއަރަމުންނެވެ. އަދި ޓައިމިން ވެސް ރަނގަޅުކުރަމުންނެވެ.
ހިމްނާ ވަނީ މިހާތަނަށް ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި ވެސް ވާދަކޮށްފަައެވެ. މިހާތަނަށް ނުވަ މުބާރަތެއްގައި އޭނާ ވާދަކުރިއިރު 2018 ގައި ފިންލޭންޑުގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕެއްގައި ވެސް އޭނާ ވާދަކޮށްފައިވެއެވެ. އަދި ޢޭގެ ޖެހިގެން އައި އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕުގައި ވެސް އޭނާ ވާދަކުރިއެވެ.
ހިމްނާ އަކީ އައްޑޫގެ ދަރިއަކަށް ވެފައި ރާއްޖެއަށް ހޯދައިދިން ރީތި ނަމަށް ޓަކައި އައްޑޫ ސިޓީ ކައުންސިލްން ވެސް ވަނީ ހިމްނާ އަށްޓަކައި ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމަށާއި އަދި ހިމްނާގެ މަސައްކަތަށް ހިތްވަރުދީ އަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.