English Edition
Dhivehi Edition

ޖަރުމަން ސުޕަ ކަޕްގައި ރޭ ބޮރޫޝިއާ ޑޯޓްމަންޑްގެ މައްޗަށް 3-1 އިން ހޯދީ މޮޅާއެކު ބަޔާން މިއުނިކުން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއީ ބަޔާނުން ސުޕަ ކަޕް ކާމިޔާބުކުރި ނުވަވަނަ ފަހަރެވެ. މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވަނީ ވެސް އެ ޓީމުންނެވެ.

ސިގްނަލް އިޑޫނާ ޕާކްގައި ރޭ ކުޅުނު މި މެޗުގައި ކުރީން ލީޑްނެގީ ވެސް ބަޔާނުންނެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް އެ ޓީމަށް މިލަނޑުޖަހައިދިނީ ކުރީން ޑޯޓްމަންޑަށް ކުޅެދިން ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އެވެ. ލެވަންޑޯސްކީ މިލަނޑު ކާމިޔާބުކުރީ އެ ޓީމުގެ ޖަރުމަން ވިންގާ ސާޖް ނެބްރީ ދިން ބޯޅައަކުންނެވެ.

ބަޔާނުން މި މެޗުގައި ޖެހި ދެވަނަ ލަނޑު، ފަހު ހާފުގެ ކުޅުން ފެށިތާ ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތޯމަސް މުލާ އެވެ. އޭގެފަހުން، މެޗުގެ 64 ވަނަ މިނެޓުގައި ޑޯޓްމަންޑަށް ފަރަގު ކުޑަކޮށްދިނީ ކެޕްޓަން މާކޯ ރެއުސް އެވެ. މިއީ އެ ޓީމަށް ކުޅެމުން އަންނަ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް ދިން ޕާހަކުން ރެއުސް ކާމިޔާބުކުރި ގޯލެކެވެ.

ޑޯޓްމަންޑުން ފަރަގުކުޑަކުރިތާ 10 މިނެޓުފަހުން ލެވަންޑޯސްކީ ވަނީ ބަޔާންގެ ދެލަނޑުގެ ލީޑް ދަމަހައްޓައިދީފައެވެ. މިއީ އެ ޓީމުގެ ފްރާންސް މިޑްފީލްޑަރު ކޮރެންޓިން ޓޮލީސޯ ދިން ބޯޅައަކުން ލެވަންޑޯސްކީ ކާމިޔާބުކުރި ގޯލެކެވެ. މިއީ ލެވަންޑޯސްކީގެ ކްލަބު ކެރިއަރުގައި ޑޯޓްމަންޑް ކޮޅަށް ޖެހި 24 ވަނަ ގޯލެވެ.