English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީ އަތުން 1-0ގެ ނަތީޖާއަކުން ޓޮޓެންހަމް ހޮޓްސްޕާ މޮޅުވެއްޖެއެވެ.

މިއީ ލީގުގެ ފުރަތަމަ މެޗުގައި ކޯޗު ޕެޕް ގާޑިއޯލާ އާއެކު ސިޓީ އަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ފުރަތަމަ ފަހަރެވެ. މީގެކުރީން، ވޭތުވެދިޔަ ފަސް ސިޒަނުގެ ލީގުގައި ސިޓީން ކުޅުނު ފުރަތަމަ މެޗު ވަނީ ކާމިޔާބުކޮށްފައެވެ. މީގެއިތުރުން، މިއީ ޓޮޓެންހަމްގެ ދަނޑުގައި ސިޓީ ޖެހިޖެހިގެން ބަލިވި ހަތަރުވަނަ ފަހަރެވެ.

ޓޮޓެންހަމްގެ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު ފެށިގެން ސިޓީން ގިނަވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތައް އުފައްދާފައިވާއިރު، ފުރަތަމަ ހާފުގައި އެ ޓީމުގެ ފެނާންޑީނިއޯ އާއި އަލްޖީރިއާގެ ވިންގާ ރިޔާދް މާރޭޒްގެ އިތުރުން ޕޯޗުގަލްގެ ފުލްބެކް ޔާއޯ ކަންސޭލޯ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ. މި ހާފުގައި ޓޮޓެންހަމްގެ ފޯވާޑް ސޮން ހެއުން-މިން އަށް ލިބުނު ފުރުޞަތުތައްވެސް ވީބޭކާރެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ދެވަނަ ހާފުގެ ކުޅުން ފެށިތާ 10 ވަރަކަށް މިނެޓުގެ ތެރޭގައި ޓޮޓެންހަމް އަށް ކާމިޔާބުކޮށްދިނީ ސޮން އެވެ. މިއީ އެ ޓީމުގެ ނެދަލެންޑްސްގެ ވިންގާ ސްޓީވެން ބާގްވިން ދިން ބޯޅައަކުން ސޮން ކާމިޔާބުކުރި ރީތި ގޯލެކެވެ. އޭގެ ފަހުން، ޓޮޓެންހަމްގެ ލީޑް ފުޅާކުރުމަށް ބާގްވިން އަށް ރަނގަޅު ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ.

ސިޓީން ނަތީޖާ ހަމަހަމަކުރުމަށް ކުރި މަސައްކަތުގައި ޖެކް ގްރީލިޝް އާއި ސްޕެއިނުގެ ވިންގާ ފެރާން ޓޮރޭސް ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ޓޮޓެންހަމްގެ ގޯލްކީޕަރު އަދި ކެޕްޓަން ހޫގޯ ލޮރިސް އެވެ.

ލީގުގައި ސިޓީ އަށް ދެން އޮތީ މި މަހުގެ 21 ވާ ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި އަލަށް ޕްރޮމޯޓުވި ނޯވިޗް ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ އެއް ދުވަސް ފަހުން ރަށުން ބޭރުގައި ޓޮޓެންހަމް ނިކުންނާނީ އެ ޓީމުގެ ކޯޗު ނޫނޯ އެސްޕިރިޓޯ ސަންޓޯގެ ކުރީގެ ޓީމު ކަމަށްވާ ވުލްވްސްއާ ދެކޮޅަށެވެ.