English Edition
Dhivehi Edition

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުގައި ސްޓްރަސްބޯގް އަތުން 4-2 އިން ޕީއެސްޖީ މޮޅުވިއިރު، އެންމެ ފަހުގެ ޗެމްޕިއަން ލިއްލެ ވަނީ ނީސް އަތުން 4-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފައެވެ.

ޕީއެސްޖީން ރޭގެ މެޗަށް ނިކުތުމުގެ ކުރީން، މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެ ޓީމަށް ގެނައި ކުޅުންތެރިން ކަމަށްވާ ލިއޮނަލް މެސީ، ސާޖިއޯ ރާމޯސް، ޖޯޖީނިއޯ ވައިނަލްޑަމް، ޖިއަންލުއިޖީ ޑޮންނަރުއްމާ އާއި އަޝްރަފް ހަކީމީ ވަނީ ސަޕޯޓަރުންނަށް ތަޢާރަފްކޮށްފައެވެ. މި ކުޅުންތެރިންގެ ތެރެއިން ރޭގެ މެޗުގައި ކުޅުނީ ވައިނަލްޑަމް އާއި ހަކީމީ އެކަންޏެވެ.

ޕާކް ޑެސް ޕްރިންސަސްގައި ރޭ ކުޅުނު މި މެޗު ފެށިގެން ތިންވަނަ މިނެޓުގައި ޕީއެސްޖީ އަށް ލީޑްނަގައިދިނީ މައުރޯ އިކާޑީ އެވެ. އެ ޓީމުގެ ދެވަނަ ލަނޑު، 25 ވަނަ މިނެޓުގައި ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ޖެހިއިރު، އޭގެ ދެ މިނެޓުފަހުން ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޖޫލިއަން ޑްރެކްސްލާ އެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ސްޓްރަސްބޯގް އިން ގާތްގާތުގައި ޖެހި ދެލަނޑާއެކު ފަރަގު ކުޑަކުރިއެވެ. އެ ޓީމުގެ ދެ ލަނޑުޖެހީ ކެވިން ގަމެއިރޯ އާއި ލުޑޮވިކް އަޔޯކޭ އެވެ. ނަމަވެސް، މެޗުގެ 81 ވަނަ މިނެޓުގައި ސްޓްރަސްބޯގުގެ އަލެކްސެންޑަ ޖީކޫ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން އެ ޓީމުން ނަތީޖާ ހަމަހަމަކުރުމަށް ކުރި މަސައްކަތްތަކަށް ހުރަސްއެޅުނުއިރު، އޭގެ ފަސް މިނެޓުފަހުން ޕީއެސްޖީގެ ފަހު ލަނޑުޖަހައިދިނީ ސްޕެއިނުގެ ވިންގާ ޕަބްލޯ ސަރާބިއާ އެވެ. މިއީ އެމްބާޕޭ ދިން ބޯޅައަކުން ސަރާބިއާ ކާމިޔާބުކުރި ގޯލެކެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ލިއްލެ ވަނީ ނީސް އަތުން 4-0 އިން ބަލިވެފައެވެ. މި މެޗުގައި ނީސް އިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެލަނޑުޖެހީ ޑެންމާކްގެ ފޯވާޑް ކެސްޕާ ޑޮލްބާގް އެވެ. އަނެއް ދެލަނޑުޖަހައިދިނީ ހިޝާމް ބުދާއީ އާއި އަމީން ގުއީރީ އެވެ.