English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި އަލަށް ޕްރޮމޯޓުވި ބްރެންޓްފޯޑުން 2-0 ގެ ނަތީޖާއަކުން އާސެނަލް ބަލިކޮށްފިއެވެ.

މިއީ 74 އަހަރުގެ މެދުކެނޑުމަކަށްފަހު އިނގިރޭސި ފުރަތަމަ ޑިވިޝަނުގައި ބްރެންޓްފޯޑުން ކުޅުނު ފުރަތަމަ މެޗެވެ. އަދި މިއީ ލީގު ހުޅުވާ މެޗެއްގައި ވާދަކޮށްގެން އާސެނަލް ބަލިވި ފުރަތަމަ ފަހަރެވެ. މީގެކުރީން، އެ ޓީމުން ލީގު ހުޅުވާ މެޗުގައި ވާދަކުރި ތިން ފަހަރު ވެސް ވަނީ މޮޅުވެފައެވެ.

ބްރެންޓްފޯޑްގެ ކޮމިއުނިޓީ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު ފެށިގެން 12 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑްނެގުމާ ގާތަށް ޖެހިލާފައެވެ. އެ ޓީމުގެ އިތުބާރު ފޯވާޑް އިވާން ޓޯނޭ ދިން ބޯޅައަކުން ބްރަޔަން އެމްބުއެމޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ.

އެ ޓީމުން ލީޑްނެގީ 22 ވަނަ މިނެޓުގައި ސާޖީ ކަނޯސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ އެ ޓީމުގެ ސެންޓްރަލް ޑިފެންޑަރު އީތަން ޕިނޮކް ދިން ބޯޅައަކުން ކަނޯސް ކާމިޔާބުކުރި ގޯލެކެވެ.

އާސެނަލަށް ނަތީޖާ ހަމަހަމަކޮށްދިނުމަށް ރޭގެ މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ގްރޭނިޓް ޒާކާ އާއި އެމީލް ސްމިތު ރޯވް އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ. ބްރެންޓްފޯޑުން ރޭގެ މެޗުގައި ޖެހި ދެވަނަ ގޯލަކީ އޭރިޔާތެރެއަށް އެއްލި ދިގު އެއްލުމަކުން އެ ޓީމުގެ މިޑްފީލްޑަރު ކްރިސްޓިއަން ނޯގާޑް ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، އާސެނަލްގެ ވިންގާ ނިކޮލަސް ޕެޕޭ ފޮނުވާލި ބޯޅަ ބްރެންޓްފޯޑްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ މަތަކޮށްފައެވެ.

ލީގުގައި އާސެނަލަށް ދެން އޮތީ މި މަހުގެ 22 ވާ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ލަންޑަން ޑާބީއެއްގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗެވެ. ބްރެންޓްފޯޑަށް އޮތީ އޭގެ އެއްދުވަސް ކުރީން ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗެވެ.

މި މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެ ތެރޭގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅޭ މެޗާއި، ޗެލްސީއާ ކްރިސްޓަލް ޕެލަސް ބައްދަލުކުރާ މެޗުގެ އިތުރުން އަލަށް ޕްރޮމޯޓުވީ ނޯވިޗް ސިޓީއާ ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗު ފާހަގަކޮށްލެވެއެވެ.