English Edition
Dhivehi Edition

ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ޕޮލިސް ބޯޑަކީ ވެރިކަންކުރާ އެމްޑީޕީގެ ސިޔާސީ ބޭނުން ފުއްދަށް އެކުލަވާލާފައިވާ ބޯޑެއް ކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތުކޮށްފިއެވެ.

ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކި ކުރަން ފުލުހުންގެ ބޯޑުން ނިންމި ނިންމުމާއި ގުޅިގެން ޕީޕީއެމް، ޕީއެންސީ އިން ނެރުނު ބަޔާނެއްގައި ބުނީ އެމްޑީޕީން މިގޮތަށް ކަންތައް ކުރަމުން އަންނަނީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުން ވެސް ފުލުހުންގެ މުއައްސަސާ ސިޔާސީ ކުރަން ކުރި މަސައްކަތް ކާމިޔާބު ނުވުމުން ކަމަށެވެ. އަދި މިއީ އޭރު ވެރިކަމާއި ހަވާލުވެ ހުންނެވި ރައީސް މުހައްމަދު ނަޝީދަށް ވެރިކަން ކުރަން ނޭނގި އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުން، އެކަން ފުލުހުންނާއި ސިފައިންނާއި މަތިކޮށް ބަދަލު ހިފުމަށް ކުރަމުންދާ ކަމެއް ކަމުގައި މި ބަޔާނުގައިވަނީ ބުނެފައެވެ.

ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ނިންމައިފި

މީގެ އިތުރުން މި ބަޔާނުގައި ވަނީ ފުލުހުންގެ މުއައްސަސާއާއި މެދު ހިންހަމަނުޖެހުން ފާޅުކޮށް އެމުއައްސަސާގެ އިސް އޮފިސަރުންތަކަކާއި މެދު ބަދަލު ހިއްޕެވުމުގެ ރޫހު ހުރިކަން ދޭހަވާ މޭރުމަކުން މަޖިލީހުގެ ޖަލްސާތަކުގައިވެސް ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައިވާކަން ފާހަގަކޮށްފައެވެ. ގައުމުގެ ކަންކަން ހަމަ މަގަށް އެޅުވުމުގެ މަސްއޫލިއްޔަތު ހަވާލު ކުރެވިފައިވާ މުއައްސަސާތައް ސިޔާސީ ކުރުމަށް، ކުރަމުންގެންދާ މަސައްކަތްތައް ހުއްޓާލުމަށްވެސް މި ބަޔާނުގައިވަނީ ގޮވާލާފައެވެ.