English Edition
Dhivehi Edition

ފްރެންޗް ލީގުގައި ރޭ ރަށުން ބޭރުގައި ޓްރޯޔެސްއާ ދެކޮޅަށް ކުޅުނު މެޗުން ފަހަތުންއަރައި 2-1 އިން ކާމިޔާބުކޮށް ޕީއެސްޖީން މޮޅަކުން ފަށައިފިއެވެ.

ޓްރޯޔެސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ކުރީން ލީޑްނެގީ ވެސް އެ ޓީމުންނެވެ. މެޗު ފެށިގެން ނުވަވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ އޫއަލިދް އެލް ހައްޖާމް އެވެ. އޭގެ 10 މިނެޓުފަހުން، ޕީއެސްޖީ އަށް އެއްވަރުކޮށްދިނީ މޮރޮކޯގެ ފުލްބެކް އަޝްރަފް ހަކީމީ އެވެ. މިއީ އެ ޓީމުގެ މިޑްފީލްޑަރު އެންޑާ ހެރޭރާ ދިން ބޯޅައަކުން ހަކީމީ ކާމިޔާބުކުރި ރީތި ގޯލެކެވެ.

ޕީއެސްޖީން އެއްވަރުކުރިތާ ދެ މިނެޓުފަހުން، އެ ޓީމު މޮޅުކޮށްދިން ލަނޑުޖެހީ މައުރޯ އިކާޑީ އެވެ. މިއީ ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ދިން ޕާހަކުން އިކާޑީ ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، އެމްބާޕޭ އަށް ލީޑްފުޅާކުރަން ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ޓްރޯޔެސްގެ ޑިފެންޑަރު ޖިމީ ގިރޯޑޮން ވަނީ ގޯލްގެ ރޮނގުމަތިން ސަލާމަތްކޮށްފައެވެ.

ލިޔޯންގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބްރެސްޓްގެ އިރްވިން ކާޑޯނާގެ ގޯލުން އެ ޓީމު ލީޑްނަގާފައިވަނިކޮށް ދެވަނަ ހާފުގެ ކުރީކޮޅު އަލްޖީރިއާގެ ފޯވާޑް އިސްލާމް ސްލިމާނީ ވަނީ ލިޔޯނަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މި މުބާރާތުގައި މިރޭ ކުޅޭ މެޗުތަކަށް ބަލާއިރު، އެންމެ ފަހުގެ ޗެމްޕިއަން ލިއްލެ ރަށުން ބޭރުގައި މެޓްޒްއާ ދެކޮޅަށް ނިކުންނައިރު، މާސޭ ނިކުންނާނީ މޮންޓްޕެލިއާއާ ދެކޮޅަށެވެ.