English Edition
Dhivehi Edition

މިއަދުވެސް ރާއްޖޭގައި އެންމެ އަޑުގަދަކޮށް ދެކެވެނީ ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ވާހަކައެވެ. ނޫސްތަކުގެ ހެޑްލައިނުން ފެންނަމުންދަނީ “ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ” މިހެން ލިޔެފަ އިންނަތަނެވެ.

އާއިލާގެ ތެރެއިން، ރައްޓެހިންގެ ތެރެއިން އަމިއްލަ މައިންބަފައިންގެ ތެރެއިން އަދި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ކުޑަކުދިންނަށް ޖިންސީ ކުރާ މައްސަލަތަކަކީ ފަލަސުރުހީން މިއަދުވެސް ފެންނަމުންދާ ޚަބަރެކެވެ.

ދެން އިވެން ފެށީ ސަރުކާރުގެ އިސް މުއައްސަސާތަކުގައި ވަޒީފާ އަދާކުރައްވާ މުއައްޒަފުންނަށް އެ އިދާރާތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ވެރިންގެ ފަރާތުން ޖިންސީ ފުރައްސާރަކުރުންތަކާއި ގޯނާތައް ކުރިމަތިވާންފެށިއަޑެވެ.

މިކަމަށް އަޑުއުފުލާ މީހުންވެސް މަދެއްނޫނެވެ. އިންސާފުގެ ދޮރުގައި ޓަކިޖަހާޖަހާ ވަރުބަލިވިޔަކަސް މިއީ ރާއްޖޭގައި ހުއްޓުމެއް އޮތް ކަމެއް ނޫނެވެ. މިފަދަ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންނަށް ހައްޤު އަދަބު ނުލިބި މިނިވަންކަމާއެކު މިމުޖުތަމައުތެރޭގައި އުޅެމުންދަނީ ކޮން ބައެއްގެ އިހުމާލުންތޯއެވެ. ގިނަ ފަހަރު ކުށްވެރިވަނީ ކުށުގެ ޝިކާރައަކަށް ވެގެންދާ ކުއްޖާއެވެ. އެހެން ކުދިންގެ މަލާމާތާއި ފުރައްސާރައިގެ ޝިކާރައަކަށް ވެގެން ދަނީ އެކުއްޖާއެވެ.

ރައްޔިތުންގެ މަޖިލީހުން މިކަމަށް ޤަރާރުތަކެއް ފާސްކޮށް ޤާނުނު އިސްލާހުކޮށް ރޭޕް ކިޓްތަކާއި ތަހުލީލުކުރެވޭނެ ގޮތްތައް ހަމަޖައްސައިދުނުމުގެ ވާހަކަތައްދެކެވި މަސައްކަތްތަކެއް މިކަމާއި ގުޅިގެން ކުރިއަށް ގެން ގޮސްފައިވީނަމަވެސް ރޭޕް ކުރާ ވާހަކަތައް ދެކެވޭހެން އެކަންކުރި މީހަކަށް އަދަބެއް ލިބުނު ވާހަކައެއް ނުވަތަ އަނިޔާ ލިބުނު ފަރާތަކަށް އިންސާފެއް ލިބުނު ވާހަކައެއް އަޑުއިވިފައެއް ނެތެވެ.

ފުލުހުންގެ އިދާރާއާއި މިނިވަން މުއައްސަސާތަކާއި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ އިތުރުން ރިޔާސަތު ހިންގަވަން ތިއްބެވި އިސްވެރިންގެ ޒިންމާއަކީ މިފަދަ ކަންކަން ހުއްޓުވައި ހައްލުކޮށް މިނވަން، އަމާން މާހައުލެއް ޤައުމުގައި ޤާއިމް ކުރުން ކަމަށްވާއިރު ހުދޫދެއްގެ މަތިން އުސޫލަކާ އެކަށީގެންވާ ނިޔާއެއްވެސް މީގެއިން އެއްވެސް މައްސަލައެއްގައި އަދި މިހާތަނަށް ކަނޑައެޅިފައިނުވުމަކީ ހިތާމަހުރި ކަމެކެވެ.

މިފަދަ ހަޑިމުޑުދާރު އަމަލުތައް ރާއްޖޭގައި ގިނަވަނީ ވަކި ވަރަކަށް ފައިސާ އަދި ނުފޫޒުން އެމައްސަލަ އަބުރާލެވޭނެ ކަމަށް އަދި ޤާނޫނުވެސް ގަނެލެވޭނެކަން އިނގޭތީއެވެ.

ފޯން ކޯލްތަކާއި، ވީޑިއޯތަކާއި، ލިޔުންތަކާއި، ފޮޓޯތަކާއި އާއްމުވީ އިރުވެސް މީގެއިން އެއްވެސް ކަމެއްގެ ހިލަމެއް އެއްވެސް ބަޔަކަށް ނުވާކަހަލައެވެ.

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެކޭ ބުނަމުންދާއިރު ނިވާކަން ކުޑަ ހެދުން އަޅައިގެންނާއި ބަރަހަނާ ހާލުގައި މަގުމަތީގައި އުޅެ ދީނާ ޚިލާފު ކަންތައްތައް ކުރަމުންގެންދާއިރު ޒިންމާ ނަގާނީ ކޮން ބައެއް ހެއްޔެވެ. ދުލުގެ މިނިވަންކަން އޮތް ޤައުމެއްގައި މިވާހަކަތައް ނުދައްކަނީ ކީއްވެގެން ހެއްޔެވެ؟