English Edition
Dhivehi Edition
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް - ފޮޓޯ: އަވަސް

ސަރުކާރު ފެއިލް ވަމުންދާ ވަރަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ބިރު ދެއްކުން އިތުރުވަމުންދާ ކަމަށް އިދިކޮޅު ކޯލިޝަން ވަގުތީ ގޮތުން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ(އަދުރޭ) ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިޟްވާންގެ މައްސަލަ އާއި ގުޅިގެން އަންނަ އަންގާރަދުވަހު ރައީސް ޔާމީން މަރުކޮމިޝަނަށް ހާޒިރުވުމަށް އެ ކޮމިޝަނުން އެންގުމާއި ގުޅިގެންނެވެ.

އަބްދުއްރަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަކީ މިސަރުކާރުން ދައްކާ ބިރަކަށް ފަސްޖެހި ވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި މި ސަރުކާރު ފެއިލްވަމުންދާ ވަރަކަށް ރައީސް ޔާމީނަށް ޖެއްސުން ކުރުމާއި ބިރު ދެއްކުން އިތުރުވަމުންދާކަމަށް އަބްދުއްރަހީމްވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީނަކީ މި ސަރުކާރުން ދައްކާ ބިރަކަށް ފަސްޖެހި ވަޑައިގަންނަވާނެ ބޭފުޅެއްނޫން ކަން ފާހަގަކޮށް އަބްދުއްރަހީމް ވިދާޅުވީ އެ މަނިކުފާނު ކޮންމެ ކަމަކާވެސް ކުރިމަތި ލައްވާނީ ފިސާރި ކެރިގެން ސާބިތުކަމާއެކުކަމަށެވެ.

ވެރިކަމުގެ ހުވާކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެ އިސްކަން ދެއްވި އެއް ކަމަކީ ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ހޯދައި ދެއްވަން ކޮމިޝަނެއް އުފެއްދެވުމެވެ. އެހެންނަމަވެސް މި ކޮމިޝަންގެ މަސައްކަތްތައް ލަސްވެ ގިނަ ބައެއްގެ ފާޑުކިޔުންތަކެއް މަރު ކޮމިޝަނަށް އަމާޒުވެފައިވާއިރު މީގެ ކުރިން ރިޟްވާނުގެ މައްސަލައިގައި ކޮމިޝަނުން ވަނީ އޭނާ ވަގަށް ނެގުމަށް ފަހު ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ރިޟްވާން މަރާލައިފައިވާކަމަށް ބުނެފައެވެ.