English Edition
Dhivehi Edition

ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިއްޔަކީ އެ އަތޮޅުގެ ވެރިކަންކުރާ ރަށެވެ. މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އާލަމީވަބާ މިވަނީ ހުވަދު އަތޮޅުގެ ރަށްތަކަށް ވެސް އަސަރުކޮށްފައެވެ. ނަމަވެސް، ކޮވިޑް19 ހާލަތުގެ ވާހަކަ މިތާގަ ދެއްކުމުގެ ކުރިން މީގެ އެތަކެއް އަހަރު ތަކުގެ ފަހަތަށް ޖެހިލާނަމެވެ. އެއީ ވޭނުގައި ނިމިގެން ނާމާން ކަމުގެ ރަނގަބީލު ގަދަވި ދުވަސް ކޮޅަކެވެ. އާދެ މި ދައްކަނީ ޝިގައްލާ ބަލީގެ ވާހަކަ އެވެ. ޝިގައްލާ ބަލީގައި އެތަކެއް ފުރާނައެއް ދުނިޔެ އާ އަލްވިދާއު ކިޔަން ޖެހުނުއިރު އެ ބަލިން ސަލާމަތްވާނެ އެއްވެސް ބޭހެއްވެސް ލިބިފައެއް ނުވެއެވެ.
1982 ވަނަ އަހަރު މުޅިރާއްޖެ ތަޖުރިބާ ކުރި ބޭރަށް ހިންގުމުގެ ރޯގާ، ‘ޝިގެއްލާ’ ގައި އެންމެ ބޮޑު އަސަރެއް ކުރި އެއް ރަށަކީ ގއ.ވިލިނގިއްޔެވެ. މިރޯގާ އެތައް ސަތޭކަ ރައްޔިތުންނަށް ޖެހި 27 މީހުން ވިލިނގިލިން މަރުވެގެން ދިޔައެވެ. ސަރުކާރުން ފޮނުވި ވަފުދުގެ ލަފައާއި އިރުޝާދުގެ ދަށުން ޖަމާޢަތުގެ ސިއްޙީ އެހީތެރިންނާއި، ނަރުހުންނާއި، އިސްރަށްވެހީންގެ މިންނެތް މަސައްކަތް ވެގެން ދިޔައީ މިބަލިމަޑުކަމުން އަރައިގަތުމަށް އަޅާލެވުނު އެންމެ ވަރުގަދަ ފިޔަވަޅަކަށެވެ. ވަކިން ޚާއްސަކޮށް ވެރިން އަންގާ އެންގުންތަކަށް ވިލިނގިލީގެ ރައްޔިތުން ކިޔަމަން ގަތް،ގަތުންވީ ލިބިގެން ދިޔަ އިތުރު ބާރަކަށެވެ.
މިގޮތުން ރަށުގެ ހަރު މީހުން އިސްވެތިބެ ބަލި ޖެހިފައިވާ މީހުންނަށް ރަށު ސުކޫލުގައި ފަރުވާ ދިނުމުގެ އިންތިޒާމުތައް ހަމަ ޖެއްސިއެވެ. ބަލިޖެހިފައިވާ ފަރާތްތައް އެނދުމަތިކުރެވި ފަރުވާ ދިނުމުގައި ޑަކްޓަރުންނާއި ނަރުހުން އަވަސްވެގަތެވެ. އަތޮޅުވެރިޔާ ‘ހާޖަރާގޭ މުޙައްމަދު ތަޢުފީޤް’ ގެ އިސްނެންގެވުމަށް މުޅިރަށް ފުރަބަންދުކޮށް މީހުން ހޭލަމޭލަވެ އުޅޭ އުޅުމަށް ހުއްޓުމެއް ގެނުވިއެވެ.
ހަމަހިމޭންވެފައިވާ ރަށުގެ މަގުތަކުން އިވެމުންދިޔައި ގޭތަކުން ކިޔަވަމުން ދިޔަ ކީރިތި ޤުރުޢާނުގެ އަޑެވެ. ﷲ ގެ ހަޟްރަތުގައި ބަލިން ރައްކާތެރިކަމާއި ޝިފާ ދެއްވުން އެދި ކުރަމުން އައި ދުޢާ ތަކުގެ އަޑެވެ. މިނުތަނަވަސް ހާލަތުގައިވެސް ހިތްވަރާއި އެކު ރަށުގެ މުދިމުންނާއި ހަރު މީހުންގެ ޓީމެއް ނުކުމެ ރަށުގެ މަގުތަކުގައި ތަކުބީރު ކިޔާ، ފެންއަޅައި، ދުންބުރުވައި، ވަޙުތާން ނަގައި އަދި ރަށުގެ ހަތަރު ކޮޅުގައި އަކަ ޖަހާ ހެދިއެވެ. އިސާހިތަކު ﷲ ގެ ހެޔޮރަޙުމަތްފުޅުން ‘ޝިގެއްލާ’ ގެ ނުރައްކަލުން ވިލިނގިލި ސަލާމަތްވެ އާންމު ހާލަތަކަށް ރުޖޫޢަވިއެވެ. الحمد لله
މި ބަލިމަޑު ކަމަކީ މިހާތަނަށް ވިލިނގިއްޔަށް ދިމާވި އެންމެ ބޮޑު ނުރައްކާތެރި ހިތާމަވެރި ބަލި މަޑު ކަމެވެ.

ކޮންމެއަކަސް، މިއަދު ކުރިމަތިލާން ޖެހިފައި މިއޮތީ ދެކެން ބޭނުން ނުވި މަންޒަރެކެވެ. އެހެނަސް، މިއަދު މިއޮތީ ހަޤީގަތާއި ކުރިމަތިލާން ޖެހިފައިއެވެ. މުޅި ދުނިޔެއަށް ކުރިމަތިވެފައި މިވާ ޢާލަމީ ވަބާ ‘ކޮވިޑް-19’ ގެ ބިޔަ ރާޅުގެ އަސަރު ވިލިނގިއްޔަށް ވެސް ކޮށްފައެވެ.
2021 މެއި 12 ވަނަ ދުވަހުން ފެށިގެން ވިލިނގިލީގައި ހަލުވިކަމާއި ކޮވިޑް19 ފެތުރެމުންދިޔުމާއި ގުޅިގެން ވިލިނގިލީގައި ދިރިއުޅޭ ބޮޑު އާބާދީގެ ތެރެއިން މި ބައްޔަށް ޓެސްޓް ކުރުމަށްޓަކައި 2459 މީހުންގެ ސާމްޕަލް ނެގުނެވެ. އޭގެތެރެއިން 177 ފަރާތެއް ފައްސިވެ، އެކަކު ވަނީ މިފަނާވަނިވެ ދުނިޔެއާއި އަލްވިދާޢު ކިޔާފައެވެ.
މިކަމުން އަރައިގަތުމަށްތަކައި، އެޗް.ޕީ.އޭ އިން ރަށް މޮނިޓަރިންގ ޙާލަތަށް ގެނައުމާއި ގުޅިގެން ރަށަށް އަރާ ފޭބުން މަނާކޮށް ރަށުގެ ސްކޫލްތަކުގެ ކިޔެވުން ބަންދުކޮށް، ވިޔަފާރިތަކާއި ހޮޓާ ރެސްޓޯރެންޓް ކެފޭތައް ބަންދުކޮށް ޑެލިވެރީ ޚިދުމަތް ދެވޭގޮތް ހަދައި ކުޅިވަރު ކުޅޭ ތަންތަނާއި ޢާންމު ޕާކުތައް ބަންދުކޮށް، މީހުން އެއްވެ އުޅުން މަނާކުރެވުނެވެ. އަދި ހަމަ އެފަދައިން ހަވީރު 06:00 އިން ފެށިގެން ފަތިހު 4:00 އާއި ދެމެދު މަގުމައްޗަށް ޚާއްސަ ޙާލަތެއްގައި ފިޔަވައި ޢާންމުން ނުކުމެ އުޅުން މަނާވަގުތު ކަމުގައި ކަނޑައަޅައި އެޗް.ޕީ.އޭ އިން އެ ރަށުގައި ކާފިއު އިޢުލާން ކުރެވިގެން ދިޔައެވެ. އަދި މިޙާލަތާއި ގުޅިގެން މިސްކިތްތަކުގައި ޖަމާޢަތް ހެދުން ހުއްޓާލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފައާޒުން އެންގުމުން އެކަން އެމަގުން ކުރެވިގެންދިޔައެވެ.
މިބަލިމަޑުކަމާއި ގުޅިގެން ރަށުގައި ގާއިމްކުރެވުނު އީ.އޯ.ސީ ޓީމްއާއި، ޓާސްކް ފޯރސް ޓީމް އާއި އެސް އެސް ޑީ ޓީމް އަދި ކޮމިޔުނިޓީ ރެންސްޕޮންސް ޓީމުން ކުރި ހިތްވަރާއި މަސައްކަތް މި ފުރުސަތުގައި ފާހަގަ ކުރަމެވެ. އަދި ޙާއްސަ ގޮތެއްގައި ވިލިނގިލި ސިއްޙީ ދާއިރާގެ އެންމެހާ މުވައްޒިފުންނާއި ލެބް ޓެކްނޮލޮޖިސްޓުން ކުރެއްވި ގިނަ ގުނަ މަސައްކަތްތަކާއި އަދި މި މަސައްކަތުގައި އެކި އެކި ގޮތްގޮތުން ހަރަކާތްތެރިވި އެންމެހާ ފަރާތްތަކާއި ވޮލަންޓިއަރުންގެ މަސައްކަތްތަކަކީ އަގު ނުކުރެވޭ ބުރަ މަސައްކަތްތަކެވެ.
އިމްތިހާނުގެ ތެރޭގައި ގިނަ އަދަދެއްގެ ދަރިވަރުންތަކެއް ޕޮޒިޓިވް ވެގެން ދިޔައިރު މިބަލި ރަށު ތެރެއަށް ފެތުރިގެން ނުދާކަމީ ޓާސްކް ފޯރސް އާއި ކައުންސިލާއި ވިލިނގިލި ހޮސްޕިޓަލުންނާއި ސްކޫލް މެނޭޖްމެންޓް އިން އަޅާފައިވާ ފިޔަވަޅުތަކާއި ކުރާ ބުރަ މަސައްކަތްތަކުގެ ފޮނި ނަތީޖާއެވެ.
ކޮވިޑް ޕޮޒިޓިވްވާ މީހާ އާއި ކޮންޓެކްޓްވާ މީހާގެ އިތުރުން މުޅި ގެ އެއްކޮށް ކަރަންޓީން ކުރުމަކީ ދަތި، އެހާމެ އުދަގޫ ކަމެއް ނަމަވެސް ވިލިނގިލި ރައްޔިތުން ދެއްކެވި ނަމޫނާއަށް ޝުކުރު ހައްޤެވެ. އަދި މިނާޒުކު ދަނޑިވަޅުގަ ވިލިނގިލި މަސްވެރިން އަމިއްލައަށް އިސްނަގައިގެން ބަލި ރަށުތެރެއަށް ފެތުރުނަ ނުދިނުމަށްޓަކައި ހިތްވަރުދިނުމުގެ ގޮތުން ރަށަށް ނުފޭބި އަނބި ދަރިންނާއި ދުރުގައިތިބެ ދެއްކީ އެއްބައިވަންތަކަމުގެ ލާމަސީލު ނަމޫނާއެކެވެ.
ހުވާކުރެއްވުމުގެ ދުވަހުން ފެށިގެން އަލަށް އިންތިހާބުވި ކައުންސިލުން ޓާސްކުތައް ބަހައި އޭގެ ޒިންމާ އެންމެ ފުރިހަމަ ކަމާއި އެކު ވަނީ އަދާކޮށްފައެވެ.
އަދި މިނެވާގަ، އަތޮޅުގެ ކޮވިޑް ފޯކަލް ޕޮއިންޓް އަސްމާ އަބްދުﷲ ކުރެއްވި މިންނަތް ބުރަ މަސައްކަތްތަކަކީ ލިޔާ ލިޔުމަކުން އޭގެ އަގު ވަޒަން ކުރެވޭނެ ވަރުގެ މަސައްކަތްތަކެއް ނޫނެވެ. މޮނިޓަރިންގ ހާލަތުން ފެށިގެން ނިމުމަކާ ހަމައަށް ދިޔައީ އަސްމާގެ އިރުޝާދުގެ ދަށުންނެވެ.
ހަމައެހެންމެ، މިހާލަތުގައި ވިލިނގިލި ހާބަރ މޮނިޓަރ ކުރުމަށް ކައުންސިލާއި އެ ރަށުގެ ހުރިހާ ސެކްޓަރ ތަކުން ކުރެއްވި ބުރަ މަސައްކަތްތަކަށްވެސް ޝުކުރު ހައްޤެވެ.
ވިލިނގިއްޔަކީ ކުރިމަތިވާ ކޮންމެ ބަލިމަޑު ކަމެއްގައި އެކުވެރިކަމާ އެއްބައިވަންތަކަމުގައި ނަމޫނާ ދައްކާ ރަށެކެވެ.
މިބަލި މަޑުކަމުގައި ވަކިވެ ދިޔަ ފަރާތްތަކަށް ސުވަރުގޭގެ މަތިވެރި ދާއިމީ ނިޢުމަތް މިންވަރުކުރެއްވުމަށް އެދި ﷲ އަށް ދުޢާ ދަންނަވަމެވެ. ވިލިނގިލީގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އުފާފާގަތި ދުވަސްތަކެއް މަތްﷲ މިންވަރުކުރައްވާށިއެވެ. ވިލިނގިލި ރައްޔިތުން އާމްދަނީ ހޯދުމަށް ކުރަމުން ގެންދާ އެންމެހާ ތަފާތު މަސައްކަތްތަކުގައި އާއި މަސްވެރިކަމުގައި ބަރަކާތް ލައްވާ ރަށަށް ތިޔާގި ކަމާއި ތަނަވަސްކަން މިންވަރުކުރައްވާ، އެންމެހާ ރައްޔިތުން ދުޅަހެޔޮ ސިއްޙަތެއްގައި ލަހައްޓަވާށިއެވެ. އާމީން!

1 ކޮމެންޓް
AHMED vishfaahu
ޖުލައި 29, 2021
That was a long time ago and yes at those times we were as one but know it's hard to say that we are as the one community