English Edition
Dhivehi Edition

ޒުވާނުންނަށް ހާއްސަކޮށްގެން ގއ.ނިލަންދޫގައި ކުރިޔަށް ގެންދާ ވޮލީ މުބާރާތުގެ ފައިނަލް މެޗްތައް މާދަމާއަށް ތާވަލްކޮށްފިއެވެ.

ނިލަންދޫ ކައުންސިލުން ވިދާޅުވި ގޮތުގައި މިމުބާރާތަކީ މިނިވަންދުވަހާ ގުޅުވައިގެން ކައުންސިލުން ރާވައިގެން ކުރިޔަށް ގެންދާ މުބާރާތެއް ކަމަށެވެ. އަދި ރަށުގެ ޒުވާނުންނަށް ހާއްސަކޮށްގެން ކުރިޔަށް ގެންދާ މިމުބާރާތަށް ރައްޔިތުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދާ ކަމަށެވެ.

29 ޖުލައި 2021 ވަނަ ދުވަހުގެ ހަވީރު 16:00ގައި އޮންނަ ފިރިހެން ޑިވިޒަންގެ ފައިނަލުގައި ވާދަކުރާނީ ޓީމް ކަންޖީރާ އާއި ޓީމް ބޮން ބޮން އަދި މާދަމާ ރޭ 20:30 ގައި އޮންނަ އަންހެން ޑިވިޒަންގެ ފައިނަލް މެޗުގައި ބައްދަލުކުރާނީ ޓީމް ޕްރިޓީ ހިޓާރސް އާއި ޓީމް ނެޓް ނިންޖާސްއެވެ.

ރޭ ކުޅުނު އަންހެން ޑިވިޒަންގެ ފަހު މެޗުގައި ޓީމް ގޯލްޑަން ސްޓާރސް އާއި ބައްދަލުކޮށް ޓީމް ޕްރިޓީ ހިޓާސް މިވަނީ ފައިނަލުގައި ޖާގަ ހޯދާފައެވެ. ރޭގަ ކުޅުނު މެޗުގައި ގޯލްޑަން ސްޓާރސްއަށް 2 ސެޓް ކާމިޔާބުކުރެވުނު އިރު ޕްރިޓީ ހިޓާރސް މިވަނީ 3 ސެޓް އިން މެޗްގަ ކުރިހޯދާފައެވެ. މިމެޗުގައި ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ޖާޒީ ނަންބަރ 9 ޒަހާ އިބްރާހިމްއެވެ.

ދެޑިވިޒަނަށް ބަހާލައިގެން ކުރިޔަށް ގެންދާ މިމުބާރާތުގައި ފައިނަލަށް ދާ ޓީމަށް އިނާމެއްގެ ގޮތުގައި ޓްރޮފީއެއް ދެވޭނެއެވެ. މިއީ އެކުވެރިކަމުގެ މެޗުތަކެއް ކަމުން ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމެއް ހުށަހެޅިފައެއް ނުވެއެވެ.