English Edition
Dhivehi Edition

ގދ.ތިނަދޫގައި ހުންނަ ހުވަދޫ ސްވިމިންގ ކްލަބްއިން ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ހުވަދޫ އަތޮޅުގައި ފުޅާދާއިރާއެއްގައި ފެތުމުގެ ޕްރޮގްރާމްތަށް ހިންގަމުންދާ ހުވަދޫ ސްވިމިންގ ކްލައިބްގެ ރައީސް އަހުމަދު ޖަމްޝީދު ( ޖަމްބޭ ) ވިދާޅުވީ ތިނަދޫގައި މޮނީޓަރިންގ އުވާލިއިރު ތިނަދޫގެ ރައްޔިތުން ތިބީ ވަރަށް ސްޓްރެސްވެ ކަންނެތްވެފައި ކަމަށާއި މޫދަށް އެރިލާ ކަސްރަތުކޮށް ފަތާ ހަދާލުމުން ބޯހަމަޖައްސާލެވިދާނެކަމަށެވެ. މި ޕްރޮގްރާމުގައި ހުރިހާ އުމުރުފުރާއެއްގެ މީހުންނަށާއި ކުޑަކުންދިންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ޖަމްބޭ ވިދާޅުވިއެވެ.

21 ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ފަތަން ދަސްކޮށްދިނުމުގެ މިޕްރޮގްރާމުގައި އިންސްޓަރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވާނީވެސް ސާޓިފައިޑް ޓްރެއިނަރުން ކަމަށެވެ. އަދި މި ޕްރޮގްރާމުގެ ތެރެއިން ސްނޯކްލިންގވެސް ދަސްކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށާއި ބެލެނެވެރިންގެ އިޒުނައާއި އެކު ސްނޯކްލިންގ ދަސްކުރާ ކުދިންނަށް ފަރުތަށް ބަލާލުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް މައުލުމާތުދީފައިވެއެވެ.

ތިނަދޫ ސްވިމިންގ ޓްރެކްގައި ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި ބައިވެރުމުށްޓަކައި ފީއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 500 ރުފިޔާ އެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން ހުވަދު ސްވިމިންގ ކްލަބްގެ ނަންބަރު 9912500 އަށް ގުޅުއްވާ ނަން ނޯޓު ކުރެއްވުމަށް އެކްލަބުން ވަނީ އަންގާފައެވެ.