English Edition
Dhivehi Edition

ގއ ދާންދޫ ޢީދު ކުޅިވަރު ކުޅުމުގެ ތެރޭގައި މިމަހު 21 ވަނަ ދުވަހު ހިނގައިދިޔެ ހަމަނުޖެހުން ތަކާއި ގުޅިގެން އެ ރަށު ކައުންސިލުން އެކަންތައް ކުށްވެރިކޮށް ނޫސްބަޔާނެއް ނެރުއްވައިފިއެވެ.

ހުވަދު އަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލަރުން ސޮއިކޮށް ނެރުއްވި ބަޔާނުގައިވާ ބުނެފައިވަނީ، ދާންދޫ ޢީދު ކުޅިވަރު ކުޅުމުގެ ތެރޭގައި 21 ޖުލައި 2021 ވަނަ ދުވަހު ހަވީރު 17:00 ހާއިރު ހިނގި ހަމަނުޖެހުމުގެ ތެރޭގައި، ދާންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ނާއިބު ރައީސާ އަލްފާޟިލާ މުޒައިނާ މުޚްތާރަށް އަނިޔާ ލިބުނު ޚަބަރު ވެގެންދިޔައީ އެ ކައުންސިލުން ކަންބޮޑުވާ ކަމެއް ކަމުގައެވެ.

ޢީދު ދުވަސްތަކަކީ ޢީދު ފާހަގަކުރުމުގެ ގޮތުން ކުޅިވަރު ކުޅުމަށާއި އަދި ދީނުގެ ހަމަތަކާ އެއްގޮތަށް އުފާ ފާޅުކުރުމަށް ލިބޭ ފުރުސަތެއް ކަމުގައި ވިޔަސް އެއްވެސް ފަރާތަކުން މުޖުތަމަޢުގެ އެކުވެރިކަމާއި އެއްބައިވަންތަކަން ނަގާލެވޭގޮތަކަށް ކަންކަން ނުކުރުމަށާއި، ޢާންމު މަސްލަހަތު ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުމަށާއި، މީހުންގެ ގޯތި ގެދޮރަށް ދެވިފައިވާ ޙުރުމަތްތެރިކަން އެގޮތުގައި ދެމެހެއްޓުމަށާއި އަދި އެންމެން އެކުވެރިކަމާއި އެކު ގުޅިގެން އުޅުމަށް އެ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

އެއްވެސް ފަރާތަކަށް އެކަކު އަނެކަކަށް އަނިޔާދީ ގެއްލުން ދިނުމަކީ އެކަމުގެ ސަބަބުން ފޫނުބެއްދޭ ފަދަ ހިތާމަވެރި ހާދިސާތަކެއް ކުރިމަތިވެދާނެ ކަންތައް ކަމުގައިވެސް މި ބަޔާނުގައި ވަނީ ފާހަޤަކޮށްފައެވެ.

އެހެންކަމުން، ދާންދޫ އެންމެހާ ރައްޔިތުންނާއި އަދި އެންމެހާ ޒުވާނުން ޢީދު ކުޅިވަރު ކުޅުމުގެ ތެރޭގައިވެސް އަދި އެނޫން ގޮތަކުންވިޔަސް، އެކަކު އަނެކަކަށް ގެއްލުމެއް ނުވަތަ އަނިޔާއެއް އަދި މާރާމާރީ އެއްފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް ހަދުމަކޮށްދީ އެންމެން އެކުވެރިކަމާއި އެކު އުޅުމަށާއި މުޖުތަމަޢުގައި ހަމަޖެހުން ނުގެއްލޭ ގޮތަކަށް އުޅުމަށް ސަމާލުކަން ދިނުމަށް ވަނީ ނަސޭޙަތްތެރިވެފައެވެ. އަދި މިފަދަ ހަމަނުޖެހުން ތަކަކީ އެ ކައުންސިލުން ތަރުޙީބުދޭ ކަންތައްތަކަށް ނުވާތީ މިފަދަ އަމަލުތައް ކުށްވެރިކުރާކަމަށް އެ ބަޔާނުގައިވަނީ ބުނެފައެވެ.

ދާންދޫގައި ހިނގި މި ހަމަނުޖެހުމާއި ގުޅިގެން އެރަށުގައި ވަނީ މުޒާހަރާވެސް ކޮށްފައެވެ.