English Edition
Dhivehi Edition
މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު - ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު, މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ތަރައްގީގެ މަޝްރޫއުތަކެއްގެ އެއްބަސްވުމުގައި ދެ ގައުމުން ސޮއިކުރާނެ ކަމަށް އިންޑިއާއިން ހާމަކޮށްފިއެވެ،

އިންޑިއާގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ޝާހިދުގެ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ. އަދި އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގަން ނިންމާފައިވާ ކޮމިއުނިޓީ ޑިވޮލޮޕްމަންޓާ ގުޅޭ މަޝްރޫއުތަކުގައި ސޮއި ކުރާނެކަމަށްވެސް އިންޑިއާއިން ވަނީ ބުނެފައެވެ. އެހެންނަމަވެސް އަދި އެ މަޝްރޫއުތަކުގެ ތަފްސީލެއް އިންޑިއާ އިން ހާމަކޮށްފައެއް ނުވެއެވެ. .ފޮރިން މިނިސްޓްރީން ބުނީ އެ މަޝްރޫއުތަކާއި ގުޅޭ އިތުރު ތަފްސީލު ދޭނީ އެއްބަސްވުންތަކުގައި ސޮއިކޮށް ނިމުމުން ކަމަށެވެ.

ރަސްމީ ދަތުރެއްގައި އިންޑިއާގައި މިހާރު ހުންނެވި ޝާހިދުގެ މި ދަތުރަކީ އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ހޮވިވަޑައިގަތުމާއި ގުޅިގެން އެ މަގާމުގެ ހައިސިއްޔަތުން ކުރައްވާ ދަތުރެކެވެ. ޝާހިދުގެ ދަތުރުގައި އިންޑިއާގެ ބޮޑުވަޒީރު ނެރެންދުރާ މޯދީ ގެ އިތުރުން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖަޔަޝަންކަރާ ބައްދަލު ކުރައްވާނެއެވެ.