English Edition
Dhivehi Edition

އުރީދޫ މޯލްޑިވްސްއިން އުރީދޫ އަތޮޅު ދުވުން 2021 އިއުލާނުކޮށް ބައިވެރިން ރެޖިސްޓަރވުމުގެ ފުރުސަތު އޮންލައިން ޕޯޓަލް: އަތޮޅު ދުވުން ރެޖިސްޓަރ ލިންކް މެދުވެރިކޮށް މިއަދު ހުޅުވާލައިފިއެވެ.

ރާއްޖޭގައި ބޭއްވުނު ފުރަތަމަ ނޭޝަންވައިޑް ވަރޗުއަލް ރަން “އުރީދޫ އަތޮޅު ދުވުން” ފުރަތަމަ ފެށިގެންދިޔައީ 2020ވަނަ އަހަރު އެކުންފުނީގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި ހިސާބުތަކުން ފަސްހާހައްވެރެ ގިނަ ބައިވެރިންނާއެކުއެވެ. މި އަހަރު އެކުންފުނީގެ 16ވަނަ އަހަރީ ދުވަހުގެ މުނާސަބަތާއި ގުޅިގެން ކުރިއަށް ގެންދާ ހާއްސަ ހަރަކާތްތަކުގެ ތެރެގައި އިތުރު ފުރިހަމަކަމާއެކު މި ވަރޗުއަލް ރަން ބާއްވަން ހަމަޖެހިފައިވަނީ މިރަންއަށް ލިބިފައިވާ ބޮޑު ތަރުހީބާއެކު ދުރުގައި ތިއްބެވި ކަސްޓަމަރުންނަށްވެސް ބައިވެރިވެވޭނެ އިވެންޓެއްކަމުގައިވުމާއިއެކު އެވެ.

މިއަހަރުގެ ރަންގައި 5 ކިލޯމީޓަރުގެ އިތުރުން، އަލަށް ތައާރަފް ކުރެވުނު 10 ކިލޯމީޓަރ ގެ ކެޓެގަރީއަށް ރެޖިސްޓަރވުމުގެ ފުރުސަތުވެސްވަނީ މިހާރު ހުޅުވާލާފައެވެ. ދެ ކެޓެގަރީގައި ބައިވެރިވުމަށް ބޭނުންފުޅުވާ ދުވުންތެރިން ދެކެޓެގަރީއަށް ވަކިން 27 ޖުލައި 2021 ދުވަހުގެ ހަވީރު 6ގެ ކުރިން ރެޖިސްޓަރވެ މުޅިއަކު 15 ކިލޯމީޓަރު ފުރިހަމަކުރަންޖެހެއެވެ. މި ދުވުމަކީ، އެކަނިވިޔަސް އަދި އާއިލާއާއި ރައްޓެހިންނާއެކުގައިވެސް، ގައިދުރުކަމާއިއެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އިވެންޓެކެވެ. 5 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވެވޭ މި ދުވުމުގައި ބައިވެރިވާ ފަރާތްތަށް، 1 އޯގަސްޓް އާއި 7 އޯގަސްޓް އާއި ދެމެދުގެ ކޮންމެ ވަގުތެއްގައިވެސް ދުވުން ފުރިހަމަކުރެވޭނެއެވެ.

“އަތޮޅު ދުވުން އަޅުގަނޑުމެން ފުރަތަމަ ބާއްވާފައިވަނީ އުރީދޫގެ އަހަރީދުވަހާ ގުޅިގެން މިދިޔަ އަހަރު. ވަރޗުއަލް ރަންއެއްގޮތުގައި މި ރަން އަޅުގަނޑުމެން ފަރުމާކޮށްފައިމިވަނީ ޕެންޑެމިކްއާއެކު އެންމެން އެއްތަންވެގެން އުޅެވެން ނެތުމުގެ ސަބަބުން. އަތޮޅު ރަންގެ މައިގަނޑު މަޤްސަދަކީ ކުޅިވަރު މެދުވެރިކޮށް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު ދައްކައިދިނުން. އެއް އިވެންޓެއްގައި އެކި ކަންކޮޅުތަކުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމުން މިދުވުމަށް ވަރަށް ހޫނު ތަރުހީބެއްލިބިގެންދިޔަ. އެހެންކަމުން މި އަހަރު އުރީދޫގެ 16 ވަނަ އަހަރީ ދުވަހާ ގުޅިގެން މި ފުރުސަތު އަޅުގަނޑުމެން މި ހުޅުވާލަނީ އަޅުގަނޑުމެންގެ ކަސްޓަމަރުންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ އުއްމީދުގައި.” ޗީފް ކޮމަރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވިއެވެ.

ރެޖިސްޓްރޭޝަން ފުރިހަމަ ކުރުމުން ޑިޖިޓަލް ބިބް އަދި ކޮންފަރމޭޝަން މެސެޖެއް ލިބިވަޑައިގަންނަވާނެއެވެ. ރެޖިސްޓަރކުރައްވާފައިވާ ދުވުންތެރިން، އެބޭފުޅެއްގެ ދުވުން ސްޓްރާވާ އެޕް، ގާމިން ކަނެކްޓް، ރަންޓާސްޓިކް، ނައިކް ރަން ކްލަބް ނުވަތަ ރަންކީޕަރ އެޕްލިކޭޝަން މެދުވެރިކޮށް ޓްރެކްކޮށް، ނިންމާފައިވާ ރަން ރޫޓްގެ ސްކްރީންޝޮޓް، ކޮންފަރމޭޝަން މެސެޖާއިއެކު ލިބުނު ލިންކަށް އަޕްލޯޑް ކުރުމުން ޑިޖިޓަލް މެޑަލެއް ލިބިވަޑައިގަންނަވާނެއެވެ. ފިސިކަލް މެޑަލް ބޭނުންވާ ފަރާތްތަކަށް ކުޑަ އަގަކާއެކު މޫލީ މެދުވެރިކޮށް އަޕްގްރޭޑްކޮށްލުމުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރިނަމަވެސް ހިލޭ ޑެލިވަރ ކޮށްލަދޭނެއެވެ.

މުޅި ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ބައިވެރިވުމަށް ހުޅުވާލެވިފައިވާ މި ދުވުމަށް ޝައުގުވެރިވާ އެންމެހާ ފަރާތްތަކުން ބައިވެރިވުމަށް އުރީދޫއިން މަރުހަބާކިޔައެވެ. މި ވަރޗުއަލް ދުވުމުގެ އިތުރު މަޢުލޫމާތު އުރީދޫ ވެބްސައިޓުން އަދި އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖްތަކުން ލިބިގެން ދާނެއެވެ.