English Edition
Dhivehi Edition

ގދ.ނަޑެއްލާ އަދި އެރަށުގެ ކައިރީހުރި ފަޅު ރަށްރަށުގެ ހޭޅިފަށުން ވެލިނެގުމަކީ މަނާކަމެއް ކަމުގައި ނަޑެއްލާ ކައުންސިލުން ނިންމައިފިއެވެ.

ނަޑެއްލާ ކައުންސިލުން އާއްމުކުރި ބަޔާނެއްގައި ބުނާގޮތުގައި ގދ. ނަޑެއްލާއާއި އެރަށު ކައުންސިލްގެ އިހުތިސާސް ތެރޭގައި ހިމެނޭ ރަށްރަށުގެ ހޭޅިފަށުން ފެށިގެން 400 ފޫޓު ދުރުން ނޫނީ ވެލި ނެގުމަކީ މަނާ ކަމެކެވެ. މިގޮތަށް ނިންމަން ޖެހުނީ އެ ރަށްރަށުގެ ވަށައިގެންވާ ގޮނޑުދޮށުންނާއި އެ ރަށްރަށުގައި އޮންނަ ވޮޑޭ ތުނޑިތަކަށް މޫސުމާއެކުވެގެން ވެލި ޖަމާވާ ސަރަހައްދުތަކުން ރަށުގެ ބައެއް މީހުން ވެލި ނެގުމުގެ ސަބަބުން އެރަށްރަށުގެ ވަށައިގެން އޮންނަ ގޮނޑުދޮށް ވަރަށް ބޮޑަށް ގިރެމުންދާތީ ކަމަށް ކައުންސިލުގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން ނަޑެއްލާ ކައިރީ ރަށްރަށުގެ ގޮނޑުދޮށުންނާއި ވޮޑޭ ތުނޑިތަކަށް މޫސުމާއެކުވެގެން ވެލި ޖަމާވާ ސަރަހައްދުތަކުން ވެލި ނަގާ ފަރާތްތަކަށް އެކަން ހުއްޓާލުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކައުންސިލުގެ މިއަމުރަށް ކިޔަމަންނުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

މިބަޔާނަކީ ނަޑެއްލާ ކައުންސިލުން މިއަހަރު ބޭއްވުނު އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 8 ވަނަ ޖަލްސާއަށް ހާޒިރުވި 5 މެމްބަރުންގެ އިއްތިފާޤުން ނެރެފައިވާ ބަޔާނެކެވެ.