English Edition
Dhivehi Edition

ރައްޔިތުންގެ މަޖުލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ ކޮވިޑް-19 އަށް ފައްސިވި ކަމަށާއި، އޭނަގެ ނަން ފައްސިވި ފަރާތްތަކުގެ ލިސްޓުން އުނިކޮށްފައިވާކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ޚަބަރު ކަމަށް މުޣުނީ ވިދާޅުވެއްޖެއެވެ.

މުޣުނީ ވިދާޅުވި ގޮތުގައި ތިނަދޫގައި ހޯމް ކަރަންޓީނުގައި ހުއްޓާ ނެގި ސާމްޕަލް ކޮވިޑް-19 އަށް ފައްސި ވެފައިވާ ކަމަށާއި، ކޮވިޑަށް ފައްސިވާ ފަރާތްތަކުގެ ލިސްޓުން އޭނާގެ ނަން ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މުވައްޒަފެއްގެ ނުފޫޒުން އުނިކޮށްފައިވާކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ޚަބަރުތަކެކެވެ.

މުޣުނީ އިތުރަށް ވިދާޅުވި ގޮތުގައި އޭނާ އެންމެ ފުރަތަމަ ކޮވިޑަށް ޓެސްޓު ކުރީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހުގައެވެ. އޭގެ ފަހުން 13 ފަހަރު ކޮވިޑަށް ޓެސްޓު ކޮށްފައިވާ ކަމަށާއި މިމަހު 16 ވަނަ ދުވަހުވެސް ސާމްޕަލް ނަގާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާތަނަށް ނެގުނު އެއްވެސް ސާމްޕަލް އެއް ކޮވިޑް-19އަށް ފައްސިވެފައި ނުވާކަމަށް މުޣުނީ މީޑިޔާއަށް މައުލޫމާތު ދިނެވެ.

މުޣުނީ އާއި އޭނަގެ އާއިލާއާ ބެހޭގޮތުން ދޮގު ޚަބަރުތައް ފަތުރަމުން އަންނާތީ އެމައްސަލަ ކަމާބެހޭ ފަރާތަށް ހުށަހަޅާން ނިންމާފައިވާ ކަމަށާއި މީގެ ކުރިންވެސް މީޑިއާއަކުން މުޣުނީގެ އަބުރު ކަތިލާ، ޒާތީ މައުލޫމާތުތައް އާންމު ކުރަމުން އަންނާތީ އެކަމަކީ ސީރިއަސް މައްސަލައެއް ގޮތުގައި ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނައުމަށް ނިންމާފައިވާ ކަމަށްވެސް މުޣްނީ ވިދާޅުވިއެވެ.