English Edition
Dhivehi Edition

ވާރލްޑް ބޭންކްގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ހިންގާ އެކްސެލެރޭޓިންގ ރިނިއުވަބަލް އެނާރޖީ އިންޓަގްރޭޝަން އެންޑް ސަސްޓައިނަބަލް އެނަރޖީ (އެރައިސް) ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ 14 ރަށެއްގައި 11 – 14 މެގަވޮޓް ސޯލަރ ހަކަތައިގެ ނިޒާމެއް ޤާއިމުކުރުމަށް ހުޅުވާލައިފިއެވެ.

މި މަޝްރޫޢަށް ޕްރީ-ކޮލިފިކޭޝަނަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 9 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރީންނެވެ. މި މަޝްރޫއަށް ބިލަން ހުށަހެޅަންޖެހޭ ގޮތުގެ ތަފްސީލާއި އެކު މަޝްރޫޢުގެ މަޢުލޫމާތު މިނިސްޓްރީ އޮފް ފިނޭންސުންވަނީ ގެޒެޓްގައި ޝާއިޢުކޮށްފައެވެ.

އެގޮތުން މި ނިޒާމު ޤާއިމުކުރެވޭ ރަށްތަކަކީ ގއ. ވިލިނގިލި، ދ. ކުޑަހުވަދޫ، ށ.ފުނަދޫ، ޅ. ނައިފަރު، ލ. ފޮނަދޫ، ލ. ގަން، ލ. ހިތަދޫ، ލ. މާމެންދޫ، ލ. ކުނަހަންދޫ، ލ. މާބައިދޫ ، ލ. ދަބިދޫ، ލ. މާވަށް، ލ. އިސްދޫ، އަދި ލ. ކަލައިދޫ އެވެ.

2021 އިން ފެށިގެން 5 އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ އެރައިސް މަޝްރޫޢިން ޖުމްލަ 36 މެގަވޮޓް ސޯލަރ ޕީވީގެ ނިޒާމް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކުރުމަށްވަނީ ހަމަޖެހިފައެވެ.

އަދި އޭގެ އިތުރުން 40 މެގޮވޮޓް އަވަރ ގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމްކުރުމާއި އެކު ސޯލާ އާއި ބެޓަރީ ނިޒާމު ބަހައްޓާ ރަށްތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމަށްވެސް މަޝްރޫޢުގެ ތެރެއިން ރާވާފައިވެއެވެ.

އެގޮތުން ޓްރާންސްމިޝަން އަދި ޑިސްޓްރިބިއުޝްން ކޭބަލް ހިމެނޭގޮތަށް ޖުމްލަ 100 ކިލޯމީޓަރުގެ ކޭބަލް އެޅުމަށްވަނީ ރާވައިފައެވެ.

ސަރުކާރުން ބޭރުގެ އެހީއާއެކު ހިންގާ މިފަދަ މަޝްރޫޢުތަކުގެ ބޭނުމަކީ ސަރުކާރުން ތެލަށްކުރާ ހޭދަ ކުޑަކޮށް ތިމާވެއްޓާއި ރައްޓެހިގޮތަކަށް ކަރަންޓް އުފައްދުމެވެ. ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި ވެސް ހަކަތައިގެ ދާއިރާއަށް ޚާއްސަ ލަނޑުދަނޑިތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން 2023 ވަނަ އަހަރުގެ ކުރިން ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލުން 40 މިލިއަން ލިޓަރު ދަށްކުރުމާއި އަދި 2018 ގެ ނިސްބަތާއި އަޅާބަލާއިރު 2023 ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް ބޭނުންކުރާ މިންވަރު %20 އިތުރު ކުރުން ހިމެނެއެވެ.

މީގެއިތުރުން ރާއްޖޭގެ ހަކަތައިގެ ދާއިރާއިން ކަނޑައަޅާފައިވާ އެންމެ ބޮޑު އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ނެޓްޒީރޯ އެމިޝަން ޤައުމަކަށް ހެދުމެވެ.

https://www.gazette.gov.mv/iulaan/view/154401