English Edition
Dhivehi Edition

ގދ. ތިނަދޫގައި ބެހެއްޓިފައިވާ ޕަންޕް ސްޓޭޝަންތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ފެނަކަ ކޯޕަރޭޝަންގެ ޑިރެކްޓަރ އަތުހަރު ހަލީމް ވިދާޅުވެއްޖެއެވެ.

ތިނަދޫގައި ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ ގޮތުން އެރަށުގައި މިހާރު ބެހެއްޓިފައިވާ ޕަންޕް ސްޓޭޝަންތަކާއި ޕެނަލް ބޯޑުތައް ބަދަލުކުރުމުގެ މަސައްކަތް، މިހާރު އެރަށުގައި އޮތް މޮނިޓަރިންގ ހާލަތު އުވާލެވުނުހާ އަވަހަކަށް ފެށޭނެކަމަށް އަތުހަރު ވަނީ ވިދާޅުވެފައެވެ. ޕަންޕްތައް އިންސްޓޯލްކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ މާލެއިން ފެނަކަ ކޯޕަރޭޝަންގެ އިންޖިނިއަރުން ފޮނުވައިގެން ކަމަށްވެސް އަތުހަރު ފާހަގަކުރެއްވިއެވެ.

މިމަހުގެ 03 ވަނަ ދުވަހު ތިނަދޫ ފެނަކައަށް ގެނައި 22 ޕަންޕާއި 11 ޕެނަލާއި ބެހޭގޮތުން އޭ.އޯ ނިއުސް އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަތުހަރު ވިދާޅުވީ ތިނަދޫ ނަރުދަމާ ނިޒާމުގައި އޮވަރފްލޯ ވުމުގެ މައްސަލަތަކެއް ދިމާވެގެން ބެލިބެލުމުން ބެހެއްޓިފައިވާ ޕަންޕްތަކަކީ އެރަށުގެ ނަރުދަމާ ނިޒާމަށް އެކަށީގެންވާ ވަރުގެ ޕަންޕްތަކެއް ނޫންކަން ފާހަގަވެފައިވާކަމަށެވެ. އަދި ހަރުކުރެވިފައިވާ ޕެނަލް ބޯޑްތަކަކީ ކުރީޒަމާނުގެ ގޮތަކަށް ތައްޔާރުކުރެވިފައިވާ ޕެނަލްތަކަކަށް ވުމުން އޮޕަރޭޓްކޮށް ގެންގުޅެން އުދަގޫވެ ސްޕެއަރ ސާމާނު ހޯދަން ދަތިކަމަށް އަތުހަރު މަޢުލޫމާތު ދެއްވިއެވެ.

ތިނަދޫގައި ޕަންޕާއި ޕެނަލްތައް އަޕްޑޭޓްކުރުމުގެ މަސައްކަތުގެ ތެރެއިން އެރަށުގައި މިވަގުތު ބެހެއްޓިފައިހުރި 11 ޕަންޕް ސްޓޭޝަންގައި ހުރި 22 ޕަންޕް ބަދަލުކުރާނެއެވެ. އަދި ޕެނަލް ބޯޑުތައްވެސް ޒަމާނީ ފެންވަރެއްގެ އައު ބޯޑުތަކަކަށް ބަދަލުކުރެވިގެންދާނެއެވެ. އަދި މިހާރު ބޭނުންކުރަމުންދާ ޕަންޕްތައް އެ ސައިޒްގެ ޕަންޕަތަކުގެ ބޭނުންކުރެވޭނެ އެކަށީގެންވާ ރަށްރަށަށް ބަދަލުކުރެވޭނެއެވެ.

އެރަށުގެ މަގުތަކުގައި ރަނގަޅު ފެންވަރެއްގެ ޑްރެއިނޭޖް ސިސްޓަމެއް ގާއިމްވެފައި ނެތުމާއެކު މަގުމައްޗަށް ވެހޭ ވާރޭފެން ނަރުދަމާ ނިޒާމުގެ ތެރެއަށް އެޅުމުން ޕަންޕް ސްޓޭޝަންތަކުގައި މައްސަލަތައް ދިމާވެއެވެ. އަދި ބޯކޮށް ވާރޭވެހޭ ދުވަސްތަކުގައި ގޭބިސީތަކުގެ ފާހަނާ ނިޒާމުގެ މައްސަލަ ދިމާވުމަކީ އެރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއެވެ.