English Edition
Dhivehi Edition

ގއ އަތޮޅު ހޮސްޕިޓަލް ހިމެނޭހެން އެ އަތޮޅުގެ ރަށްރަށުގެ ސިއްޙީ މަރުކަޒުތަކުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދޭނެ ވޮލަންޓިއަރުން ހޯދުމަށް އިޢުލާން ކޮށްފިއެވެ.

ގއ އަތޮޅު ހޮސްޕިޓަލުން މިއަދު ނެރުއްވި އިޢުލާނުގައި ވާ ގޮތުން، ކޮވިޑް މި ހާލަތުގައި އަތޮޅު ހޮސްޕިޓަލާއި އަދި އެ އަތޮޅުގެ ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގައި ހިލޭ ސާބަހަށް މަސައްކަތް ކުރައްވާނެ މީހުން ބޭނުންވާއިރު މިއީ އިންސާނިއްޔަތަށްޓަކައި، ގައުމަށްޓަކައި، އަތޮޅާއި ރަށަށްޓަކައި ޚިދުމަތް ކުރުމަށް އޮތް ވަރަށް އަގުހުރި ފުރުސަތްތަކެއް ކަމަށް ހާމަކޮށްފައިވެއެވެ. އަދި މި ހާލަތުގައި ޑޮކްޓަރުންނާއި ނަރުހުންނާއި ލެބޯޓްރީ ޓެކްނޮލޮޖިސްޓުން، ޕަބްލިކް ހެލްތް އޮފިސަރުންގެ އިތުރުން ތަފާތު އެކި މަސައްކަތްތަކުގެ ތަމްރީން ލިބި މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މި ފުރުސަތު ހުޅުވާލައި އަތޮޅުގެ ސިއްޙީ އިދާރާތަކުގެ މަސައްކަތަށް ނުކުންނެވުމަށް އިލްތިމާސް ކުރާކަމަށްވެސް މި އިޢުލާންގައި އެދިވަޑައިގެންފައިވެއެވެ.

މިއަދު ގއ އަތޮޅު ހޮސްޕިޓަލުން ވޮލުންޓިއަރުން ހޯދުމަށް އިޢުލާން ކޮށްފައިވާއިރު މިމަހު 23 ވަނަ ދުވަހު ވިލިނގިލިއީ އީ.އޯ.ސީގައި ބޭއްވި ޚާއްސަ ސެޝަން އެއްގައި ވާހަކަ ދައްވަމުން ގއ އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ޝަރީފް އަޙްމަދު ވިދާޅުވީ، ގިނަ އަދަދެއްގެ މުވައްޒިފުން ކަރަންޓީންވެ ޕޮޒިޓިވް ވަމުންދާ ކަމަށްވާނަމަ އިތުރު ފިޔަވަޅެއްގެ ގޮތުން ވޮލުންޓިއަރުން ނަގަން ވިސްނާކަމަށެވެ. މިގޮތުން އެ ރަށުގައިވެސް ދާއިރާތަކަށް ތަމްރީންވެފަ ވަޒީފާ އަދާ ނުކުރައްވާ ބޭފުޅުން ތިއްބެވި ކަމަށާއި އެ ފަރާތްތަކާއި އަދި ހޮސްޕިޓަލުގަ ވޮލިންޓިއަރ ކޮށް މަސައްކަތްކޮށްދޭނެ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް ޝަރީފް ވަނީ ވިދާޅުވެފައިވެއެވެ.

ވިލިނގިލީގައި ކޮވިޑް ފެތުރިފައިވަނީ ހޯމް ކަރަންޓީނު ކޮށްފައިވާ ފަރާތެއް ކަރަންޓީނާއި ހިލާފުވެ އެ ފަރާތާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތްތަކެއް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.