English Edition
Dhivehi Edition

“ވޯކް ފްރޮމް ހޯމް” މިއީ މިހާރަކަށް އައިސް އަހަރެމެންގެ ތެރޭގައި ވަރަށް ގިނައިން އަޑުއިވޭ ބަހެކެވެ. މުޅިދުނިޔޭގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގެ ސަބަބުން ގިނަ ޤައުމުތަކުގައި އޮފީހުގެ މަސައްކަތްތައް ކުރަމުން އަންނަނީ ގޭގައި ތިބެގެންނެވެ. ފޯނު އެލާރމްކޮށްގެން ހެނދުނުހެނދުނާ ހޭލައިގެން އަވަސް އަވަހަށް އޮފީހަށް ދުއްވައިގަތުމުގެ އާދަ މިވަނީ ބަދަލުވެފައެވެ. މިހާރު ފެންނަ މަންޒަރަކީ ހެދުނު ހެދުނާ ލޯހުޅުވާލުމާއެކު މޫނުދޮވެލައިގެން ލެޕްޓޮޕް ހިފައިގެން އެދުމައްޗަށް އަރާ އޮންނަ މަންޒަރެވެ.

ކޮވިޑްގެ ބަލިމަޑުކަމާއެކު ރާއްޖޭގެ ގިނަ މުވައްސަސާތަކުގައިވެސް މިހާރަކަށް އައިސް މަސައްކަތް ކުރަނީ ގޭގައި ތިބެގެންނެވެ. “ވޯކްފްރޮމް ހޯމް” އަކީ މިފަދަ ނުރައްކާތެރި ހާލަތުގައި ވަޒީފާ އަދާކުރުމުގައި އެންމެ ރައްކާތެރި ގޮތްކަމަށް ދެކިގެން ކޮންމެ މީހަކުވެސް މިއަރަނީ ލެޕްޓޮޕް ހިފައިގެން އެދުމައްޗަށެވެ. އެކަންތައް ޓްރެންޑަކަށް ހަދާފައި ފޮޓޯ ނަގާ ހޭޝްޓެގް ވޯކްފްރޮމް ހޯމް ޖަހާފައި އިންސްޓާއަށް ނުވަތަ ސްނެޕަށް ލުމަކީ މިހާރު ވަރަށް އާއްމު ކަމެކެވެ.

ހިތާމަޔަކީ މިގޮތަށް އެދުމަތީގައި އޮށޯވެގެން އޮވެ ލެޕްޓޮޕުން މަސައްކަތް ކުރުމުން ސިއްޙަތަށް ލިބޭ ގެއްލުމާމެދު އެއްވެސް މީހަކު ނުވިސްނާތީއެވެ.

ގޭގައި ތިބެގެން މަސައްކަތް ކުރިޔަސް އެކަމުގައިވެސް އެންމެ ރަގަޅުގޮތް ހޯދާ ބަލައި އެގޮތަށް އަމަލުކުރެވިދާނެއެވެ. އެނދުމަތީ އޮށޯވެގެން އޮވެ ނުވަތަ އިށީނދެގެން އިނދެ ލެޕްޓޮޕުން މަސައްކަތް ކުރުމުގެ ބަދަލުގައި މޭޒެއްގެ މަތީގައި ލެޕްޓޮޕް ބައިންދައިގެން ސީދަލަށް އިށީދެގެން އިދެވޭ ކަހަލަ ގޮނޑިއެއްގައި އިނދެ މަސައްކަތް ކުރެވިދާނެއެވެ.

ހަޤީޤަތުގައި ބުނާނަމަ “ވޯކްފްރޮމް ހޯމް” އަކީ ސިއްޙީ ގިނަ މައްސަލަތަކެއްގެ ފެށުމެކެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ލިބޭ ބައެއް ގެއްލުންތަކަށް ބަލާލާއިރު ސިކުނޑިއަށް ގެއްލުން ވުމާއި، ސިއްޙީ ގިނަ ބަލިތަކުގެ އިތުރުން ހަށިގަނޑު ކަންނެތްކޮށްލާ ކަމެކެވެ.

ސިކުނޑި އެނދު ސިފަކޮށްފައިވަނީ، އެނދަކީ ހިތްހަމަޖެހުމާ އަރާމާ އުފާ ހޯދަން އަދި ހަށިގަނޑަށް ލިބޭ ވަރުބަލިކަން ފިލުވާލުމަށާއި ނިދާން ބޭނުންކުރާ ތަނެއްގެ ގޮތުގައެވެ. އެހެންނަމަވެސް މިހާރު ދުނިޔެ މިއޮތް ހާލަތުގައި ސިކުނޑީގައި އެނދު ސިފަކުރެވިފައިވަނީ ރައްކާތެރިކަމާއެކު، ހިތްހަމަޖެހިގެން މަސައްކަތް ކުރަން އޮންނަ އަރާމު ތަންމައްޗަކަށެވެ.

“ކޮރޯނާސޮމްނިއާ” (ކޮރޯނާވައިރަހާ ގުޅިފައިވާ ނިދިގެއްލުމުގެ މައްސަލަ) އުފަންވެގެން އައީ ވޯކްފްރޮމް ހޯމްއާ އެކުގައެވެ. މިއީ ނަފްސާނީ ބައްޔެއް ކަމަށްވާ އިންސޮމްނިއާއަށް މަގުފަހިކުރުވާ ކަމެކެވެ.

އެމެރިކާގެ މެރީލޭންޑްގައި ހުންނަ ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ޕްރޮފެސާ އޮފް ނިއުރޮލޮޖީ ބީބީސީއަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ ” ސްލީޕް ސްޕެޝަލިސްޓެއްގެ ހައިސިއްޔަތުން، އެނދުގައި ކުރަން އަޅުގަނޑުމެން ލަފާދޭނީ ތިން އެސް، އެއީ ސްލީޕް، ސެކްސް އަދި ސިކް، ހަމައެކަނި މިކަންތައްތައް” ކަމުގައެވެ.

ހަށިގަނޑުގެ އުފެއްދުންތެރިކަން ކުޑަވެ ގައިގައި ރިއްސުން އަދި މިނޫންވެސް ގިނަ ބަލިތަކަށް މަގުފަހިކުރުވައެވެ. އޭގެތެރޭގައި ޑިޕްރެޝަން، އެންޒައިޓީ އަދި ސްޓްރެސް ފަދަ ނުރައްކާތެރި ބަލިތައް ހިމެނެއެވެ.

ނިދާ އެދަކީ ތިމާގެ އޮފީސްކަމަށް ހަދައިފިނަމަ ހީވެސް ނުކުރާފަދަ ގިނަ ބަދަލުތައް ތިމާގެ ހަށިގަނޑަށް އައުމާއި، ބަލިތަކަށް މަގުފަހިވެގެން ދާކަމީ ވިސްނާލަން ޖެހޭ ކަމެކެވެ.

ގޭގައި ތިބެ މަސައްކަތް ކުރަން ޖެހުމުން މުވައްޒަފުންގެ ދެމެދުގައި އޮންނަ ގުޅުމަށް ހީނަރުކަން އައިސް އާއްމު ދިރިއުޅުމުގެ ގިނަ އާދަތައް ދޫކޮށްލަންޖެހެއެވެ. ގޭގައި ގިނައިރު މަސައްކަތް ކުރަން އިންނަން ޖެހުމުން ކާގަޑިތައް ފިޔަވާ އެހެން ގަޑިތަކުގައި ލުއިކާނާ އިތުރުވެގެންދެއެވެ. އޭގެ ސަބަބުން ހަށިގަނޑަށް ގިނަ ބަދަލުތައް އައިސް ބަރުދަން އިތުރުވެއެވެ

ގިނައިރު ސްކްރީނަށް ބަލަހައްޓައިގެން އިންނަން ޖެހުމުން ލޮލަށް އޭގެ އަސަރުކޮށް، ގަޑިދެގަޑިއިރު އިށީނދެގެން އިނުމުން ބުރަކަށީގައި ރިއްސާ އެތައް މައްސަލަތައް ދިމާވެއެވެ. އޮފީހަށް ގޮސް މަސައްކަތް ކުރާއިރު އަބަދު ކޮމްޕިއުޓަރަށް ބަލަހައްޓައިގެން އިންނާކަށް ނުޖެހެއެވެ. އޮފީސްތެރޭ އެހެން މުވައްޒަފުންނާއި ވާހަކަދައްކާ ހެދުމުން ހިތްހަމަޖެހުން ލިބިފައި ވަރުބަލިކަން އިހުސާސްވާލެއް ކުޑައެވެ.