English Edition
Dhivehi Edition

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒު ކޮށްގެން ރީޖަނަލް ފައިނޭންސިން ފޯރަމެއް އައްޑޫގައި ބާއްވައިފިއެވެ.

މިއީ އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގެ ވިޔަފާރިވެރިންނަށް ޚާއްސަ ކޮށްގެން ބޭއްވި ފޯރަމެކެވެ. ފޯރަމް ބާއްވާފައިވަނީ ގަމުގެ އީކުއޭޓަރ ވިލެޖުގައެވެ.

މި ފޯރަމުގެ މައިގަނޑު މަގްސަދަކީ އައްޑޫއާއި ފުވައްމުލަކު ސިޓީގައި މަސައްކަތްކުރާ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއި، ފައިނޭންޝަލް އިންސްޓިޓިއުޝަންތަކާއި ވިޔަފާރިވެރިންނާ ގުޅުވައި ދިނުމެވެ. އޭގެ ސަބަބުން ވިޔަފާރިވެރިންނާއި ފައިނޭޝަލް އިންސްޓިޓިއުޝަންތަކާ ދެމެދު މައުލޫމާތު ބަދަލު ކުރެވި ކަންކަން އޮޅުން ފިލުވުމުގެ ފުރުސަތު ހޯއްދަވައި ދެއްވުން ކަމަށް ހިތަދޫ ބިޒްނަސް ސެންޓަރުން މައުލޫމާތު ދެއްވިއެވެ.

މި ފޯރަމްގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓްރީގެ ވެލިއު ޗެއިން ސްޕެޝަލިސްޓް އަހްމަދު މުމްތާޒު ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ޤާނޫނެއް ގެނެވި އަދި އެ ވިޔަފާރިތަކަށް ޚާއްސަ ކުރެވިގެން ބިޒްނަސް ސެންޓަރު ތަކެއް ޤާއިމް ކުރެވިފައިވާ ކަމަށެވެ. އެ ސެންޓަރު ތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ބޭނުންވާނެ ހުރިހާ ޚިދުމަތެއްވެސް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

އިއްޔެ ކުރިއަށް ގެންދިޔަ މި ފޯރަމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފެށުމަށް ނުވަތަ ތަރައްގީ ކުރުމަށް ސަރުކާރުން ކުރިއަށް ގެންދަވާ ލޯން ސްކީމް އަދި އެހެނިހެން ކަންކަމުގެ މައުލޫމަތު ވަނީ ބައިވެރިންނަށް ފޯރުކޮށް ދެއްވައިފައެވެ.

ފޯރަމް ފެށުމުގެ ރަސްމީއްޔާތުގައ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙުމަދު ތައުފީގާއި، ފޭދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އިބްރާހިމް ދީދީގެ އިތުރުން، އައްޑޫ އަދި ފުވައްމުލަކު ސީޓީ ކައުންސިލް އިންވަނީ ބައިވެރި ވެފައެވެ. މިފޯރަމްގައި ބޭންކު ތަކުންނާއި، ވިޔަފާރި ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި، އެމްއެމްއޭ އަދި މީރާއިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މި ފޯރަމަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ދަށުން ހިންގާ އެންޓަޕްރައިޒް ޑިވެލޮޕްމެންޓާއި، ހިތަދޫ ބިޒްނަސް ސެންޓަރު ގުޅިގެން އިންތިޒާމް ކުރެއްވި ފޯރަމެކެވެ. ހިތަދޫ ބިޒްނަސް ސެންޓާރަކީ އައްޑުއާއި ފުވައްމުލަކަށް ޚާއްސަ ކުރެވިފައިވާ ސެންޓަރެވެ. މިފަދަ 6 ސެންޓަރު މުޅި ރާއްޖޭގައި ގާއިމް ކުރައްވާފައިވެއެވެ.