English Edition
Dhivehi Edition
މީގެ ކުރިން ވައިގެ މަގުން އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް މަސްތުވާތަކެތި: ފޮޓޯ/ޕޮލިސް

ވައިގެމަގުން އައްޑޫސިޓީއަށް އެތެރެކުރަން އުޅުނު ގިނައަދަދެއްގެ މަސްތުވާތަކެތި ހޯދައި، 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އައްޑޫސިޓީގައި މަސައްކަތްކުރާ ފުލުހުންނާއި ކަސްޓަމްސް އާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 4 ފިރިހެނުންނާއި އަންހެނެކެވެ.

މި ފަސް މީހުންނަކީީ އިންޑިއާއަށް ނިޞްބަތްވާ ފަސް މީހުންނެވެ. މި ފަސް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ކޮލަމްބޯއިން ގަމަށް ވައިގެ މަގުން ދަތުރުކުރި ފުލައިޓަކުން މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މިި ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ 09:30 ހާއިރު ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ހުއްޓުވާ ބަލައިފާސްކުރުމަށް ފަހުއެވެ.

މި ފަސް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެމީހުންގެ ހަށިގަނޑާއި ތަކެތި ބަލައިފާސްކުރިއިރު އެމީހުން ގެނައި ލަގެޖް ފޮށިތަކުން ނެގި ރަބަރު ކޮތަޅު ތަކެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ވަނީ ފެނިފައެވެ. އެތަކެތީގެ ބަރުދަނުގައި 4.65 ކިލޯ ގްރާމް ހުއްޓެވެ. މީގެއިތުރުން އެފޮށިތަކުން މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ ބައެއްކަހަލަ ތަކެތިވެސް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން މިމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންވަނީ ދޫކޮށްލާފައެވެ.