English Edition
Dhivehi Edition

ގދ. ތިނަދޫގައި ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި 17 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާކަން ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 09 ވަނަ ދުވަހުގެ 21:30އިން ފެށިގެން މިއަދުގެ 21:30އާއި ހަމައަށް ތިނަދޫގައި ޖުމްލަ 17 މީހުން ފައްސިވެ، ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ ޖުމްލަ އަދަދު މިވަނީ 61 އަށް އަރާފައެވެ. މިއީ ކޮވިޑް-19 ރާއްޖެއިން ފެނުނު ފަހުން ތިނަދޫއިން އެންމެ ގިނަ އަދަދަކަށް މީހުން ބައްޔަށް ފައްސިވި ދުވަހެވެ.

މި 17 މީހުންގެ ތެރޭގައި ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ސާމްޕަލް ނެގުނު 09 މީހުންނާއި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެ ސާމްޕަލް ނެގުނު 07 މީހުންގެ އިތުރުން ރެންޑަމް ސާމްޕްލިންގ ގޮތުގައި ސާމްޕަލް ނެގުނު މީހެއް ހިމެނެއެވެ.

މިފަހުން ގދ. ތިނަދޫގައި ކޮވިޑް ބައްޔަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިވަނީ 65 ގައެވެ. އެއީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެ ސާމްޕަލް ނެގުނު 26 މީހުން، ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ސާމްޕަލް ނެގުނު 15 މީހުން، ރެންޑަމް ސާމްޕްލިންގ ގޮތުގައި ސާމްޕަލް ނެގުނު 15 މީހުން އަދި ހޯމް ކަރަންޓީން ފުރިހަމަކޮށް ސާމްޕަލް ނެގުނު 9 މީހުންނެވެ.

ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ތިނަދޫގައި މިހާތަނަށް ކޮވިޑް-19އަށް ޓެސްޓް ކުރުމަށްޓަކައި މުޅި ޖުމްލަ 1،499 ސާމްޕަލް ނަގާފައިވެއެވެ. ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު 248 މީހެއް ވަނީ ކަރަންޓީން ކުރެވިފައެވެ. އެރަށުގައި ކޮވިޑް-19އިން ދިފާޢުވުމަށް ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދު ވަނީ 1،717 އަކަށް އަރާފައެވެ. އަދި ބައްޔަށް ޓެސްޓުކުރުމަށް ފާއިތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި 37 ސާމްޕަލް ނަގާފައިވެއެވެ.

ގދ. ތިނަދޫގައި ކޮވިޑް-19 އާއި ގުޅިގެން ސިއްހީގޮތުން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބެލުމަށް މިދިޔަ މަހުގެ 24 ވަނަ ދުވަހު އެރަށް ވަނީ މޮނިޓަރިންގ އަށް ލީފަހުން ކޮވިޑް-19 އަށް ފަރުވާހޯދަމުން އައި 04 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިވަގުތު ގދ. އަތޮޅުގެ ތިނަދޫގެ އިތުރުން ގައްދޫ، ކޮވިޑް-19 އާއި ގުޅިގެން ސިއްހީގޮތުން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ވަނީ މޮނިޓަރިންގ އަށް ލާފައެވެ. މީގެ އިތުރުން ގދ. ހޯނޑެއްދޫ އިން ކޮވިޑް-19 އަށް ފައްސިވެފައިވާ ފަރާތެއް ފެނި ކޮންޓެކްޓް ޓްރޭސިންގ މަސައްކަތް ކުރިއަށް އެބަދެއެވެ.