English Edition
Dhivehi Edition

ރީމާ އޭނާ އަށް ވުރެން މަގާމު މަތި ނަމަވެސް ތަނަށް އަލެވެ. އަދި ތަނުގެ މުއައްޒިފުން ދަހެއްވެސް ނުވެއެވެ. އެހެން ކަމާ އެކު ރީމާއަށް ކަންކަމުގައި މަޝްވަރާ ކޮށް ލަފާދީ ހަދަން މަތިންބައިން ހަވާލުވެގެން އުޅެނީ ނާދިރެވެ. ނާދިރުގެ ބޭނުމަކީ މިގޮތުން ރީމާގެ މައްޗަށް އޭނާގެ ބާރާއި ނުފޫޒު ފޯރުވައި ކޮންމެވެސް ގޮތަކުން އޭނާއަށް ގެއްލެމުންދާ މަގާމު އަލުން އަތުލުމަށެވެ. އެހެންކަމުން ނާދިރު ވީހާވެސް ގިނަވަގުތެއް ރީމާއާއެކު ހޭދަކުރެވޭތޯބަލައެވެ. އަދި ރީމާ ކުރާކޮންމެ ކަމެއްގެ ރީތިނަން ވެސް އަތުލައިގަނެވޭތޯބަލައެވެ. މީގެ އިތުރުން ރީމާއާއެކު އެއްކޮޓަރިއެއްގައި ހުރެވުމަކީ އޭނާއަށް އެހެންގޮތްގޮތުންވެސް ހިތްހަމަޖެހުންލިބި ގަޔާވާ ކަމަކަށްވެސް ވެފައިވެއެވެ.

ބްލޫޕާރލްގެ މުވާސަލާތީ މަޝްރޫއު ރީމާއާ ހަވާލު ކުރެވުނުކަން އެނގުމުން ނާދިރު އެކަމާ ކަންބޮޑުވިއެވެ. އަމިއްލަ ވިޔަފާރި ކުންފުންޏަކަށް އެކަހަލަ ޚާއްސަ ގުޅުމެއް ގުޅާދޭ އިރު އޭނާއަށް ވެސް ކޮންމެވެސް ފައިދާއެއް އޮންނާނެ ގޮތެއް ނެތުމަކީ ނާދިރު ރުހޭ ކަމަކަށް ނުވެއެވެ. އެހެން ކަމުން ބުލޫޕާރލްގެ ކޮމިއުނިކޭޝަން ސިސްޓަމްގެ ކަންތައް ކުރިޔަށް ގެންދިއުމުގެ މަސްއޫލިއްޔަތު ރީމާގެ ބޮލަށް އެރިގެން ނާދިރު އަތުލައިފިއެވެ.

ދުވަސްވަރަކީ ވިލާގެ ރިސޯރޓެއްކަމަށްވާ ސަން އައިލެންޑް ރަސްމީ ގޮތުން ހުޅުވުމުގެ ތައްޔާރީތައް ކުރިއަށް ދިޔަ ދުވަސްވަރެވެ. އެހެންކަމުން ރާއްޖެއާއި ބޭރުގެ ވަރަށް ގިނަ އިއްޒަތް ތެރިންނަކަށް ވަނީ އެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ދައުވަތު ދެވިފައެވެ. އެކަމަށްޓަކައި ކުލަގަދަ ޚާއްސަ ޕްރޮގްރާމްތައް ދަނީ ރޭވެމުންނެވެ. ފިލްމުސްޓާރުންނާއި ލަވަކިޔާ މީހުން އިންޑިޔާއިންނާއި ޔޫރަޕުން އަންނަން ފަށައިފިއެވެ. ސްޓޭޖް ތައްޔާރު ކުރުމަށް ކަމުގެ މާހިރުން ބޭރުން އަތުވެއްޖެއެވެ. ރެއާއި ދުވާލު ނިދުމެއް އަރާމެއް ނެތި ހުރިހާ މުވައްޒިފުން މަސައްކަތުގައި ޝާމިލުވެގެން އުޅެއެވެ.

ރަށުގެ ހުރިހާ ކަންތައް އިންތިޒާމުވަމުން ދަނީ ވަރަށް ފުރިހަމަ އަށެވެ. ކަމުގެ މުހިންމު ކަމަށްޓަކައި ވަކި މިންވަރެއް ކަނޑައެޅިފައި ނެތް ބަޖެޓެއް ހުޅުވާލާފައި ވެއެވެ. އެއީ މުއްސަނދި ރަށެކެވެ. ރީތި ރަށެކެވެ. ބޮޑު ރަށެކެވެ. ރަށުގެ ބޮޑު ކަމާ އެކު މެހުމާނުން ދަތުރު ކުރުމަށްޓަކައި، ބަސްތަކާއި ބައިސްކަލް ތަކާއި ސައިކަލް ތަކާއި ކާރުތައް ކޮޅުކޮޅަށް ހަރަކާތް ކުރަމުން ދެއެވެ. ގަޑިއެއްގެ މެޝިނެކޭ އެއްގޮތަށް ބަރާބަރަށް ހުއްޓުމެއް ނެތި މުޅި ރަށް ދައުރުވަމުން ހަރަކާތްތެރިވަމުން ދެއެވެ.

ރޯޅި 7 ނަމްބަރެވެ. ދައުވަތު ދެވިފައިވާ ގިނަބަޔަކު މާލޭގެ 1 ނަމްބަރު ފާލަމުން ލޯންޗަށް އަރަމުން ދަނީ އެވެ. މަޖަލާ އި ހިތްފަސޭހަކަން އެންމެންގެ މޫނު މަތީން ވެސް ފެންނަމުން ދެ އެވެ. ޗުއްޓީ ދަތުރެކެވެ. އުފާވެރި ދަތުރަކަށް ފުރަނީ އެވެ. ސާޖިދު ލޯންޗަށް އަރައިފިއެވެ. ފުރަން އޮތް ގަޑި ޖެހުނީ އެވެ. އެންމެންހެން ގަޑިއަށް ބަލާލިއެވެ. ލޯންޗް އަދިވެސް މަޑުކުރަނީ އެވެ. މުހިންމު ދަތުރުވެރިޔަކަށްޓަކައެވެ. އެންމެންގެ އިންތިޒާރު އެމީހަކަށްޓަކައި ހުއްޓިފައިވެއެވެ. މާ ލަހެއް ނުވެ ޓެކްސީ އެއް އައިސް މަޑު ކޮށްލިއެވެ. އެއިން ފޭބީ ރީތި ޒުވާން އަންހެން ކުއްޖެކެވެ. އެ ކުއްޖާ އެރުމާ އެކު ލޯންޗް ނައްޓާލިއެވެ. އެ މުހިންމު މެހުމާނަކީ އެއީ އެވެ.

ސާޖިދުއާ ރީމާ ދިރާގުން ބައްދަލުވި ދުވަހު އޭނާގެ ހިތުގައި ހިނގަމުންދިޔަ ޝުއޫރުތަކައް ހާމަކުރަން ދަތިވިއެވެ. މާހައުލުގެ ގޮތުންނާއި ކަމުގެބާވަތުން އޭނާ ކުރަންދިޔަ ކަންތަކުގެ އިތުރު އެއްވެސް ވާހަކައެއް ދެއްކޭނެގޮތެއް ނުވިއެވެ. ކުރަން ބޭނުންވި ސުވާލުތައް ބައިވަރެވެ. ހޯދަން ބޭނުން މައުލޫމާތު ގިނައެވެ. އެހެނަސް ފުރަތަމަ ތައާރަފްވީ ވަގުތުންފެށިގެންވެސް ރީމާގެ ބަސްތައް ހުރީ ރަސްމީކޮށެވެ. އިނީ ސީރިއަސް މޫޑެއްގައެވެ. ޖަވާބުތައް ކުރުވެފައި ޓެކްނިކަލްއެވެ. އެހެންނަމަވެސް ސާޖިދުގެ ނަޒަރުވަނީ އޭނާގެ ހުރިހާ ހަރަކާތަކަށް ހުއްޓިފައެވެ. އޭނާގެ ލޮލުގެ އެސްފިޔަ ތަޅުވާލާ އަދަދުވެސް ގުނަމުންގެންދިޔައެވެ. ނިއްކުރިއަށް ދޭތެރެއަކުން ވެއްޓޭ އިސްތަށިކޮޅު ދުރަށްލުމަށް އޭނާ ކޮށްލާ ކޮންމެ ހަރަކާތެއް ސާޖިދުގެ ހިތުގެ ވީޑިއޯގައި ރެކޯޑްކުރެވެމުންދިޔައެވެ. އެހެނަސް އެންމެ ކުޑަމިނުން ރީމާގެ ފޯންނަމްބަރު ހޯދާލުމުގެ ހިއްވަރެއްވެސް އޭނާއަކަށް ނުލިބުނެވެ.

ޗެނެލް 19ގެ ހިތްގައިމުވަސް ލޯންޗްތެރެއަށް ފެތުރުމާއެކު، ލޯންޗްގައި ހަމަހިމޭންކަމެއް ފެތުރުނެވެ. އެންމެންގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. އެއާއެކު ސާޖިދަށް ކަޅިވެސް ޖަހާނުލާ އޭނާއަށް ބަލަހަށްޓައިގެން ހުރެވުނެވެ.

ރީމާ އިށީންނަން ލިބުނު ގޮނޑި އިއްތިފާގުން ހުރީ ސާޖިދު އިންގޮޑީގެ ކުރިމަތީގައެވެ. އެހެންކަމުން މާ އުނދަގުލެއްނެތި އަނެއްކާވެސް ދެމީހުނަށް އެކަކު އަނެކަކާ ބައްދަލުވުމުގެ ފުރުސަތު ލިބިގެންދިޔައެވެ. އަދި ނުރަސްމީގޮތެއްގައި މިގޮތަށް ދިމާވުމުން ސާޖިދު ހިނިތުންވެލާފައި ވާހަކަ ދައްކަންފެށިއެވެ. “އަނެއްކާވެސް ރީމާއާ ބައްދަލުވީތީ ވަރަށް އުފާވެއްޖެ”. ރީމާ ހިނިތުންވެލާފައި ” ދެޓްސް އަ ޕްލެޒަރ”. އޭ ބުނެލިއެވެ. އަދި ލޯންޗްގެ ޕޯޓްހޯލުން ބޭރު ބަލާލިއެވެ. ” މިއަދު މޫސުން ވަރަށް ރީތި ދުވަހެއް”. ސާޖިދު ވާހަކަ ފަށައިގަންނަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ރީމާ އޭނާގެ ދަބަހުން އަވި އައިނެއްނަގާއަޅާލިއެވެ. އަދި ފޯންނެގުމެއްފަހު ކޮންމެވެސް އެސްއެމްއެސްތަކެއް ލިއުމާއިގެން މަޝްއޫލުވެއްޖެއެވެ.

ލޯންޗް އޭގެ ފުލްސްޕީޑްގައި ދުވެފައި ފުރަނަފުށި ފަހަނަޅާ ޕެރަޑައިސް އައިލެންޑް ފަހަނަޅާ ގުޅިއާ ހަމައަށް ހިނގައްޖެއެވެ. އެހެންނަމަވެސް ގުޅިފަޅުން ބޭރުވުމާއެކު ލޯންޗް ހަލުވާލައިފިއެވެ. ލޯންޗްގެ ދެފަރާތަށް ލޮނުވިއްސަންފަށައިފިއެވެ. ރީމާގެ ކާރީގައިވާ ޕޯޓްހޯލުން ލޮނުވިއްސަން ފެށުމުން ސާޖިދު އެ ދޮރު ލައްޕާދިނެވެ. “ތޭންކްސް”. ރީމާ އޭނާގެ އަވިއައިނު ނިއްކުރިއަށް ވުރެން މައްޗަށް އުފުލާލިއެވެ. ” ސާޖިދުގެ ކުންފުނީގެ ގުޅުންތައް މިހާރު މުޅިން ފުރިހަމަވެއްޖެކަމަށް ނާދިރުގެފަރާތުން އެނގުނު”. ރީމާގެ އަޑުގައި ރަސްމީ ރާގެއް މިހާރަކު ނެތެވެ.

“ގުޅުން ވަރަށް ފުރިހަމަ” ސާޖިދު އެ ފުރުސަތުގެ ފައިދާ ނެގިއެވެ. ” އެހެނަސް ރީމާއާ އޭގެ ފަހަކުން ގުޅޭނެ ގޮތެއް ނުވި”.

ރީމާ ވެސް މިވަގުތު ވަނީ ދަތުރު ކުރުކުރުމުގެ ބޭނުން ބޮޑުވެފައެވެ. ކަނޑު ދަތުރު ކުރުމަކީ އޭނާ އެއްއިރެއްގައިވެސް ކުރާހިތްވާ ކަމެއް ނޫނެވެ. އެހެންކަމުން އޭނާ އުފާވެރި ގޮތަކަށް ހިނިތުންވެލިއެވެ. “ތިއީ އަދި މިހާތަނަށް އެކަކުވެސް ބުނިއަޑު ނާހާ ވާހަކައެއް”. ރީމާ ބުނެލިއެވެ. ” މުޅި ކުންފުނިންވެސް އެންމެ ގުޅަން ފަސޭހަ މީހަކީ އަޅުގަނޑު”.

އެއީ އެ ވާހަކަތައް ފެށުނު ހިސާބެވެ. އެހާ ހިސާބުން ދެން ވޭތިވެ 3 ގަޑިއިރު ހިމެނުނީ މަދު މިނިޓްކޮޅެއްކަމުގައެވެ. އެ ދިގު އެކަމަކު ކުޑަވަގުތުކޮޅުގައި ރީމާއާއި ސާޖިދުވަނީ ހުރިހާ ގޮތަކުންވެސް އެކަކު އަނެކަކަށް ތައާރަފު ވެފައެވެ. ދެމީހުންގެވެސް ހަޔާތުގެ ސަފްހާތައްވަނީ ހުސްކަރުދާސްކޮޅެއްގެ ގޮތުގައި ކަމާއި އެ ސަފުހާތަކުގައި އޮތީ ދެމީހުންގެވެސް ހަޔާތުގެ ސްޓޯރީ ލިޔަން ފަށަންވެފައި ކަން އެނގިގެން ދިޔައެވެ. ލޯންޗް ސަން އައިލެންޑްގެ ފާލަމަށް ކާރިކުރުމާއެކު ދެމީހުން ވަކިވީ އަލުން އެވާހަކައިގެ ނުނިމި އޮތްބައި ކިޔާދޭން ބައްދަލު ވާނެ ކަމަށް ބުނެފައެވެ.

ހަވީރުގެ އެ ހިތްފަސޭހަވަގުތު ސަންއައިލޭންޑް އޮތީ އާ ކާވެންޏަކަށް ތައްޔާރުވެފައިވާ އަރޫޝާއެއް ފަދައިން އުފަލުން ފޮޅިފައެވެ. އެ ދިގު ފާލަމުގެ ކޮޅުގައި އެއްގަމާވީ ފަރާތުގައި ވަނީ ދިވެހި ބައްތެލީގެ ރިޔާތައް ސިފަވާކަހަލަ ގޮތަށް އެކި ކުލަކުލައިގެ ފޮތިރިޔާތައް ނަގާފައެވެ. ގަސްތަކާއި ރުއްތައް އެތުރިފައިވަނީ ޒީނަތްތެރިކަން އޭގެ އެންމެ ފުރިހަވެގެންދާނެފަދައިން ރާއްޖޭގެ މޮޅެތި އާރޓިސްޓުންގެ ޚިޔާލުތައް ހުސްކޮށްލައިގެންނެވެ.

ސަންއައިލެންޑްގެ ގޮނޑުދޮށާ ދާދި ކާރީގައި ހުރި ކޮފީޝޮޕަކީ އެރީތި ހަވީރު ހޭދަކޮށްލުމަށް އެންމެ ހިތްގައިމު މަންޒިލްކަމާމެދު ދެބަސްވާނެ މީހަކު ނުވާނެއެވެ. ރެސްޓޯރެންޓްގެ ބޭރުގައި ޖަހާފައިވާ އަވި ކުޑައިގެ ހިޔަލުގައި، ހުދު ދޮންވެލީގެ ދިގު ދޫލައިގެ މަތީގައި، ޖެހޭވައިރޯޅިއާ އެކު ނަށަމުންދާ ރުއްތަކުގެ ނިވަލުގައި، ކުރިމަތިން ފެންނަން އޮތް ބަދަލުވަމުންދާ ނޫކުލައިގެ މޫދުގެ މަންޒަރުތަކުގެ މާހައުލެއްގައި. ކޯކްތަށްޓަކާއި ސަންއަޕް ތައްޓެއްގެ ފިނިކަން ތުންފަތަށް އިހްސާސް ކުރަމުން ދިޔަ ޖޯޑްތައް މަޑުމަޑުން ޖަހާފައިވާ ރީތި މިއުޒިކުގެ ތެރެއަށް ގެއްލިފައި ތިބި މުޅި މާހައުލު ވަނީ ލޯބީގެ މަންޒިލަކަށް ބަދަލުވެފައި ވެއެވެ. އެ ހިނދުކޮޅު ވަނީ ކުލަގަދަ ހުވަފެނެއް ފަދައިން އެކަމަކު ހަގީގީ ދުނިޔެއެއްގައެވެ. ދެހިތް ދެހިތާ އެއްބަސްވުންތަކެއް ބަދަލު ކުރަމުން ދިޔައީ ލަފްޒްތަކެއްގެ ބޭނުމެއް ނެތިއެވެ. ސިއްރުންނެވެ. ވަރަށް ވެސް ސިއްރު ސިއްރުންނެވެ. އެތަނުގައި ތިބި ޖޯޑްތަކުގެ ތެރޭގައި އަޅުގަނޑުމެންގެ ސާޖިދާއި ރީމާ ނުހިމެނިއެއް ނުދިޔައެވެ.

ޒިލްމާގެ އޮފީހުގެ ޑިރެކްޓަރަކަށް ސާޖިދު ހަމަޖެހުނު ދުވަހުންފެށިގެން ޒިލްމާއާއި ސާޖިދާ ގުޅޭ ހުރިހާ ދާއިރާއެއްގައި ސީދާކޮންނާއި ނުސީދާކޮށް ޒިލްމާ ދިޔައީ ބައިވެރިވަމުންނެވެ. ޒިލްމާ އަކި ސާޖިދު އޮފީހުގައި ނޫޅޭ ހުރިހާވަގުތެއްގައި ސާޖިދަށް އަންނަ ފޯންކޯލްތަކާއި އެޕޮއިންޓްމަންޓަށް އެދި އަންނަ މީހުނަށް ގަޑި ކަނޑައަޅާ ސިޓީތަކަށް ޖަވާބުދީ އެ ހުރިހާ ކަމެއް ބެލެހެއްޓުމުގެ ބުރަ މަސައްކަތުގައި އުޅޭ ކުއްޖެއްކަމުން މި ޗުއްޓީ ދަތުރު އޭނާއަށް ބައިވެރިވެވޭގޮތް ސާޖިދު ހަމަޖައްސައި ދިނެވެ. ޒިލްމާ އުޅުނީ ދުރުދުރުން ކަމަށްވިޔަސް އޭނާ ދިޔައީ ސާޖިދު އާއި ރީމާގެ މި އާ ރައްޓެހިކަން ކުރިއަރަމުން ގެންދާ ގޮތް ވަރަށް ގާތުން ބަލަމުންނެވެ.

-ނުނިމޭ-