English Edition
Dhivehi Edition

ގދ. ތިނަދޫގައި ކާފިއު އިއުލާން ކުރުމަށް ނުނިންމާ ކަމުގައި ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުގެ ރައީސް އަލީ އަމްޖަދު ވިދާޅުވެއްޖެއެވެ.

އަމްޖަދު މިހެން ވިދާޅުވެފައި ވަނީ ތިނަދޫގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން މިވަގުތު ތިނަދޫގެ ޙާލަތާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިރޭ ތިނަދޫ ކައުންސިލުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގދ. ތިނަދޫގައި މީޑިއާތަކުން ތިނަދޫގައި ކާފިއު އިއުލާނު ކުރިކަމަށް ފަތުރަމުން އަންނަ ޚަބަރުތަކާއި ގުޅޭގޮތުން އޭ.އޯ ނިއުސްގެ ނޫސްވެރިއެއް ކަމުގައިވާ ފާތިމަތު އަރޫޝާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމްޖަދު ވިދާޅުވީ ތިނަދޫގައި ކާފިއު އިއުލާންކުރުމަކީ އީ.އޯ.ސީގެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަމެއް ކަމަށާއި އެހެންނަމަވެސް އެގޮތަށް ކައުންސިލުން ނިންމާފައި ނުވާނެ ކަމަށެވެ. ރާއްޖޭގައި ލޮކްޑައުން ތަކުގައި ކާފިއު އިއުލާން ކުރުމަކީ ހައްލެއް ނޫން ކަމަށާއި ހެލްތު ސެކްޓަރ އަދި ކައުންސިލުތަކުން ކުރަންޖެހޭ ކަމެއް ކަމުގައި ނުދެވޭކަން ވެސް އަމްޖަދު ވަނީ ވިދާޅުވެފައެވެ.

ގދ. ތިނަދޫގައި ކާފިއު އިއުލާންކުރާނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ, (އެޗް.ޕީ.އޭ)ގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ ހުއްދަ ހޯދައިގެން ކަމަށް ބުނެ ލިޔެފައިވާ ހަބަރުތައް ވެސް އަމްޖަދު ވަނީ ދޮގު ކޮށްފައެވެ.